200 އާޓިސްޓުން އެހީތެރި ކަމާއެކު 200 ކިލޯގެ ރަނާއި 2000 ކިލޯގެ އެލުމިނިއަމް ބޭނުން ކޮށްގެން މުސްހަފެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ކަރާޗީގައި ހުންނަ އާޓްސް ކައުންސިލް އިންސްޓިޓިއުޓް އޮފް އާޓް އެންޑް ކްރާފްޓް ކައުންސިލްގެ ޕްރިންސިޕަލްކަން އަދާކުރަމުން ދާ ޕާކިސްތާނުގެ އާޓިސްޓެއް ކަމުގައިވާ ޝާހިދު ރައްސާމު ފަރުމާކުރަން ފަށާފައިވާ މި މުސްހަފުގެ ފްރޭމުގައި 8.5 ފޫޓު ހުންނައިރު މުސްހަފުގެ ބޮޑުމިނުގައި 6.5 ފޫޓު ހުންނާނެ ކަމަށް އޭނާ ބުނެއެވެ.
ދުނިޔޭގެ އެންމެ ބޮޑު މުސްހަފް ފަރުމާ ކުރަން ފަށާފައި ވާއިރު ދުބާއީގައި މިހާރު ކުރިޔަށް ދާ “އެކްސްޕޯ 2020” ގައި މި މުސްހަފުން ސޫރަތުއް ރަހްމާން ފަރުމާކޮށް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
ޖުމްލަ 550 ސަފުހާގެ ތެރެއިން ކޮންމެ ސަފުހާއެއްގައި 150 ބަސް ހިމެނޭނެ އިރު މި މުސްހަފުގައި ޖުމްލަ 80،000 ހާސް ބަސް ހިމެނޭނެއެވެ. މި މުސްހަފާ ގުޅިގެން ރައްސާމު ބުނެފައި ވަނީ މި މަސައްކަތަކީ އަގުހުރި މަސައްކަތަކަށް ވެގެން ދާނެ ކަމަށާ އިސްލާމީ ތާރީހުގައި ވެސް ރަން އަކުރުން ފާހަގަ ކޮށްލެވޭފަދަ މަސައްކަތަކަށް މި މަަސައްކަތް ވެގެން ދާނެ ކަމަށެވެ.
މި މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ލަފާ ކޮށްފައިވަނީ 2025 ގައެވެ. ރައްސާމަކީ ތަފާތު އެތަކެއް އެވޯޑުތަކެއް ހޯދާފައިވާ ހުނަރުވެރި މީހަކަށް ވާއިރު އޭނާ ފަށާފައިވާ މި މަސައްކަތަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.