ޒަމާނީ ތައުލީމުގެ ފެށުމާ އެކުގައިމެ ހެން ޓީޗަރަށް ދޭނެ ރަނގަޅު ހަދިޔާއަކާ މެދު ބެލެނިވެރިން ވިސްނަމުން ދިޔައެވެ. ގޭގައި އަމިއްލައަށް ތައްޔާރު ކޮށްލާ ކުކީއެއް ނޫނީ ކުޑަ ރުމާ ކޮޅެއް ނުވަތަ މަލަކުން ފެށުނު ސަގާފަތް، މިއަދު އަތް ނުފޯރާ ހިސާބަށް ފުޅާވެއްޖެއޭ ދެންނެވަމަކުން ގޯހެއް އޮތްކަމަށް ނުދެކެމެވެ.

ޓީޗަރުންނަށް ހަދިޔާ ދިނުމުގެ ސަގާފަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވާއިރު، ދިއްކޮށްލާ ކޮންމެ ހަދިޔާއަކާއެކު ސުލޫކީ ހައިޖާނެއްގެ ތެރެއަށް ޓީޗަރު ވައްޓާލެވޭކަން ދެނަ ހުރީ ކިތައް ބެލެނިވެރިންތޯއެވެ. ދަރިވަރު ދޭ ހަދިޔާގައި ހިފާ ހިސާބުން، ބޭ އިހުތިޔާރުގައި ނަމަވެސް، އެ ދަރިވަރަކާ މެދު ހާއްސަ މޭރުމަކުން އަމަލު ކުރުމަށް، އެ ޓީޗަރުގެ ޒަމީރު މަޖުބޫރުކުރުވައެވެ. އެ ހަދިޔާއަކަށް އިންކާރު ކޮށްފިނަމަ ދަރިވަރާއި ބެލެނިވެރިޔާއަށް ފުރައްސާރަ ކުރެވޭ ކަމުގެ އިހުސާސް ކުރުވައެވެ.

މަސްލަހަތު ފުށު އެރުން

ޓީޗަރަށް ދޭ ހަދިޔާއަކީ މާ އަގު ބޮޑު ހަދިޔާއެއް ނަމަ، މަސްލަހަތު ފުށު އެރުން އޮންނާނީ މާ ދުރަކު ނޫނެވެ. އެ ހަދިޔާއެއްގައި ހިފާ ހިސާބުން، ދަރިވަރާއި ބެލެނިވެރިޔާއަށް ނުސީދާ ގޮތުން މެސެޖެއް ދެވެއެވެ. އެ މެސެޖަކީ، ދަރިވަރަށް، މުދައްރިސުގެ ހިތުން ހާއްސަ ކަމެއް ދެވޭ ކަމުގެ މެސެޖެކެވެ.

ހަދިޔާ ދިނުމުގެ ސަގާފަތް ރަމްޒު ކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ދަ ކުއިންޓް

އިންސާނީ ތޮބިއްޔަތަށް ބަލާއިރު، އަގުބޮޑެތި ތަކެއްޗަށް ކުރާ ލޯބި ބޮޑުވުމުގެ ފުރުސަތު އޮވެއެވެ. އެހެން ކަމުން، ގޭގައި، އަމިއްލަ އަތުން ކާޑެއް ތައްޔާރުކޮށްފައި ޓީޗަރަށް ވެދުން ކުރާ ދަރިވަރަކަށް ވުރެ، އަގު ބޮޑެތި ހާ ތަކެތިން ޓީޗަރުގެ މޫނަށް އުފާވެރިކަން ގެނެސްދޭ ދަރިވަރުގެ މަގާމު އުފުލޭ ގޮތް ވުމަށް މަގު ކޮށިގެން ދިއުމަކީ، ދުރުގައި އޮތް ކަމެއް ނޫނެވެ.

ދުވަސްވަރަކީ އިމްތިހާނުގެ ދުވަސްވަރެއް ނަމަ، އެ ދޭ ހަދިޔާއެއްގެ ސަބަބުން ގުރޭޑަށް ބަދަލު އައުމަކީވެސް މާ ދުރުގައި އޮތް ކަމެއް ނޫނެވެ. ނަމަވެސް މިކަމަށް އެއްބަސްވެވަޑައިގަންނާނެ ޓީޗަރަކު ހުންނާނެ ކަމަކަށް ނުބެލެވެއެވެ. ބެލެނިވެރިޔާއާއި ދަރިވަރު، ހަދިޔާއެއް ދެނީ ނާއިންސާފު މަންފާއަކަށް އެދިގެން ނޫން ކަމުގައިވެސް ވެދާނެއެވެ. ނަމަވެސް، ރިޕޯޓް ފޯމް ބަލާއިރު، ދަރިވަރު ފާސް ނުވާ ކަމަށް އޮތުމުން، އެ ބެލެނިވެރިޔާގެ ހިތުން ޓީޗަރަށް ދިން މަގާމަށް ބަދަލު އައުމަކީވެސް މާ ދުރުގައި އޮތް ކަމެއް ނޫނެވެ.

ދަރިވަރަށް ދެވޭ މެސެޖު

ތާ އަބަދުމެ ހަދިޔާ ދިނުމުގެ ސަގާފަތުގައި ހިފައިގެން ތިބެންވެއްޖެނަމަ، ދަރިވަރަށްވެސް އެ ދެވެނީ އެންމެ ރަނގަޅު ތަރުބިއްޔަތެއް ކަމުގައި ދެކެވޭކަށް ނެތެވެ. އަގު ބޮޑު ހަދިޔާއެއް ދިނުމަކީ، ތިބާގެ މައްޗަށް ބައެއް ކަހަލަ އުމުރު ތަންފީޒު ނުވާނެ މަގެއް ކަމުގެ އިހްސާސް، ދަރިވަރަށް ކޮށްދެވެއެވެ.

ޓީޗަރުންގެ ދުވަހަށް ދަރިވަރަކާއި ބެލެނިވެރިއަކު އަމިއްލައަށް ތައްޔާރުކޮށްފައި ވާ ހަދިޔާއެއް / ފޮޓޯ: ދަ ޖަގްލިންގްމަމް

ބޮޑުވަމުން އަންނައިރު ދެވޭ މިފަދަ ތަރުބިއްޔަތެއްގެ ސަބަބުން، އަންނަން އޮތް ޖީލުތަކެއް، ކޮރަޕްޝަންގެ އަޅަކަށް ހެދުން އޮންނާނީ މާ ދުރަކު ނޫނެވެ. ބޮޑުން ރުއްސަން ހަދިޔާ ބެހުމަކީ، އާދައިގެ ކަމެއް ކަމުގައި ދެކެވެން ފެށުމަކީ ނުވެ ނުދާނެ ކަމެކެވެ.

ކޮންމެ ބެލެނިވެރިއަކަށް ފައިސާއާއި ވަގުތު ނުދެވިދާނެ

ޓީޗަރުންނަށް ހަދިޔާ ދިނުމުގެ ސަގާފަތާ ގުޅިފައި ވާ އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތިވަނީ، ދަރިވަރުގެ ކަންކަމާ އެންމެ އިސްކޮށް ހަވާލު ހުންނަ ބެލެނިވެރިއަކަށެވެ. ޓީޗަރުންގެ އާބާދީ ބެހިފައި އޮންނަ ގޮތުން، ގިނައީ އަންހެން ޓީޗަރުން ކަމުގައި ވީ ހިނދު، އަންހެން ޓީޗަރަކަށް ހަދިޔާއެއް ގަތުމުގެ ހުރިހާ ޒިންމާއެއް ހެން އޮންނަނީ އަންހެން ބެލެނިވެރިއެއްގެ މައްސޫލިއްޔަތަކަށް ވެފައެވެ.

ކަން މިހެން އޮތް އިރު، އެންމެ އަވަދި ނެތިކޮށް، އުޅޭ އެއް ބަޔަކީވެސް އަންހެން ބެލެނިވެރިންނެވެ. ޖިންސު ފަރަގު ކުރުމެއް ނެތި ބެލި ކަމުގައި ވީ ނަމަވެސް، ކޮންމެ ބެލެނިވެރިއަކީ ފައިސާ އަދި ވަގުތުގެ ތަނަވަސްކަން އޮތް މީހަކަށް ނުވެދާނެއެވެ. ތިން ހަތަރު ދަރިން ގޮވައިގެން، ތިން ހަތަރު ވަޒީފާ އަދާ ކުރަމުންދާ ބެލެނިވެރިއަކަށް، މިއީ ކިހާ ވަރެއްގެ ޕްރެޝަރެއްކަން ވިސްނޭނެއެވެ.

ހުރިހާ ދަރިވަރުންހެން ޓީޗަރުންނަށް ހަދިޔާ ގެންދާ ދުވަހެއްގައި، އެމީހެއްގެ ދަރިފުޅު ބާކީވެ ހިނގައިދާނެ ކަމުގެ ބިރަށްޓަކާވެސް، މިމަޅިއަށް ފެތޭ ބެލެނިވެރިން މަދެއް ނޫނެވެ. ނަމަވެސް، އެ ޓީޗަރަކީ ދަރިވަރާއެކު އަހަރުގެ ބޮޑު ބައެއް ހޭދަ ކުރާނެ ޓީޗަރު ކަމުން، ނަމަކަށް ކަމެއް ކުރަންވެސް ބެލެނިވެރިޔާއަކަށް ނުކުރޭނެއެވެ.

ޓީޗަރުންގެ ދުވަހަށް ދަރިވަަރަކު އަމިއްލައަށް ތައްޔާރުކޮށްފައި ވާ ކާޑެއް / ފޮޓޯ: ދަ ސްޓްރޭންޖާއެންޑްމީ

ދެން އޮތީ ވަގުތުގެ ވާހަކައެވެ. ޓީޗަރުންގެ އަގު ނުކުރެވޭ ބުރަ މަސައްކަތް ކޮންމެވެސް ވަރަކަށް ކިރާލެވޭތޯ ބެލުމަށް ހާއްސަ ދުވަހެއް ފާހަގަ ކުރާއިރު، ދުވަހަށް ޓަކާ ކުރާ އެކި ކަހަލަ ފަރުމާތަކާ ޒީނަތްތެރި ކުރުންތަކަށް ވަގުތު ހުސް ކުރުމަކީވެސް ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

އެހެންވީއިރު ދެން ރަނގަޅީ ކޮން ގޮތެއް؟

ޓީޗަރުންނަށް ދެވޭނެ އެންމެ އަގުހުރި ހަދިޔާއަކީ ހިތުގެ އިހުލާސްތެރި ހެޔޮ ދުއާއާއި، ހެޔޮ އެދުމުގެ ބަސްތަކެވެ. ދަރިވަރުގެ ހަޔާތަށް އެ ޓީޗަރެއްގެ ފަރާތުން ލިބުނު ހެޔޮ ބަދަލުތައް ބަޔާންކޮށްފައި ދޭ ކުޑަކުޑަ މެސެޖެއްގައި، މާއްދީ އެތައް އެއްޗަކަށް ވުރެ ބޮޑު އަގެއް ވާނެ ކަން ޔަގީނެވެ.

މެސެޖު ދޭންވެސް އަގުބޮޑު ކެނޑުންތަކުން ލޯގަނޑުތައް ކަފާކަށް ނުޖެހެއެވެ. އާދައިގެ ގަނޑެއްގައި، ދަރިވަރުގެ އަމިއްލަ މަސައްކަތުން ނުވަތަ ބެލެނިވެރިޔާގެ ލިޔުމުން ދޭ މެސެޖެއް، ހަމަ ޔަގީނުންވެސް މާ ފުރިހަމަ ވާނެއެވެ.

ޓީޗަރަށް ދޭނެ ހާއްސަ މެސެޖެއް ލިޔުމަށްޓަކާ، ލިޔުންތެރިއަކަށް ބޮޑު ނޫޓުން ހޭދަ ކުރާކަށްވެސް ނުޖެހެއެވެ. އެ ޓީޗަރަކާ ބެހޭ ގޮތުން ދަރިވަރު ބުނާ އެންމެ "ލޯބި" ބަހެއްވެސް ފުދޭނެކަން ގައިމެވެ.