އަފްގާނިސްތާނުގެ ވައިގެ ސަރަހައްދުގައި އެމެރިކާއިން ޑްރޯން އުދުއްސާނަމަ، ނަތީޖާ ގޯސްވާނެ ކަމުގެ އިންޒާރު، އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން ދީފިއެވެ.

އަފްގާނިސްތާނުގެ އެއްގަމާއި ވައިގެ ސަރަހައްދުގެ ފުރިހަމަ މިލްކުވެރިންނަކީ އެ ޖަމާއަތް ކަމުގައި ސިފަ ކުރަމުން ތޯލިބާން ޖަމާއަތުން ވަނީ، އަފްގާނިސްތާނުގެ ވައިގެ ސަރަހައްދުގައި އެމެރިކާގެ "ޣައިރު ގާނޫނީ" ޑްރޯންތައް އުދުހޭ ކަމަށް ތުހުމަތު ކޮށްފައެވެ.

މީގެ އިތުރުން ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ ސުލްހައިގެ މަޝްވަރާތަކުގައި އެމެރިކާއިން ވީ އަހުދުތަކާ ހިލާފަށްވެސް އެމެރިކާއިން އަމަލު ކުރަމުން އަންނަ ކަމަށް ތޯލިބާނުން ބުނެއެވެ.

ތޯލިބާނުންގެ އިންޒާރުގައި ގާނޫނީ ހައިސިއްޔަތު އޮތް ކަން ސާބިތު ކޮށްދިނުމުގެ ގޮތުން އެ ޖަމާއަތުން ބުނީ، ކޮންމެ ގައުމެއްގެ ވައިގެ ސަރަހައްދުގެ ފުރިހަމަ މިލްކިއްޔާތު ލިބިގެން ވަނީ އެ ގައުމަކަށް ކަމަށެވެ. އަދި ގައުމުތަކުގެ މައްޗަށް އޮތް ބައިނަލްއަގުވާމީ ހައްގުތަކާ، ގާނޫނުތަކާ ޒިންމާތައް ނަގަހައްޓަންވެސް ތޯލިބާނުން ވަނީ އެމެރިކާއާއި އެހެންވެސް ގައުމުތަކަށް ގޮވާލާފައެވެ.

ކަން މިހެން އޮތް އިރު، އެމެރިކާގެ އަސްކަރީ އިސް ޖެނެރަލުން ވަނީ، އެމެރިކާ ސިފައިން އަފްގާނިސްތާނުން މުޅިން ނުބާލާ، 2500 އެއްހާ ސިފައިން އަފްގާނިސްތާނުގައި ބޭތިއްބުމާ ބެހޭ ގޮތުން ރައީސް ޖޯ ބައިޑަންއަށް ލަފާ އަރުވާފައި ވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ބައިޑަން މީގެ ކުރިން ވަނީ، އެފަދަ ލަފައެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

އަފްގާނިސްތާނުގައި ކުރި 20 އަހަރުވީ ހަނގުރާމަ ނިންމާލުމަށްފަހު، އެމެރިކާގެ އެންމެ ފަހު ސިފައިންގެ މީހާ އަފްގާނިސްތާނުން ފޭބީ އޯގަސްޓް 30 ވަނަ ދުވަހުއެވެ.