ދުނިޔޭގެ އެކި ހިސާބުތަކަށް ހަކަތައިގެ ދަތިކަން ކުރިމަތިވެފައި ވާ މި ދަނޑިވަޅުގައި، އިނގިރޭސިވިލާތުގެ ބްރެންޓް ކުންފުނިން ވިއްކާ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު، ފާއިތުވީ 3 އަހަރު ދުވަހުގެ ތެރޭގައި ނުދާހާ މައްޗަށް ހިނގައްޖެއެވެ.

ސާފު ނުކުރާ ތެލުގެ އަގު އުފުލެމުން އަންނަތާ ވިދިވިދިގެން 6 ދުވަސް ވެފައި ވާއިރު، މިހާރު ބާޒާރުގައި ބްރެންޓް ކުންފުނީގެ ތެޔޮ ފީފާއެއްގެ އަގު ހުރީ، އޮކްޓޯބަރު 2018 ގެ ފަހުން ނުދާހާ މަތީގައެވެ. ލިބިފައި ވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، ބްރެންޓް ކުންފުނިން ވިއްކާ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 80 ޑޮލަރަށް ވުރެ މައްޗަށް އަރާފައެވެ.

ބްރެންޓް ކުންފުނިން ނޮވެމްބަރު މަހު ވިއްކަން ހަމަޖެހިފައި ވާ ތެޔޮ ފީފާއެއްގެ އަގުން 1.1 ޕަސެންޓް އުފުލި، ފީފާއެއްގެ އަގު ވަނީ 80.43 ޑޮލަރަށް އަރާފައެވެ. އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓުން ނޮވެމްބަރު މަހު ވިއްކަން ހުރި ތެލުގެ ޝިޕްމަންޓްގެ ކޮންމެ ފީފާއަކުން 1.4 ޕަސެންޓް ބޮޑުވެ، ފީފާއެއްގެ އަގު ވަނީ 76.50 ޑޮލަރަށް އަރާފައެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިން އުފައްދައިގެން ބާޒާރަށް ނެރެ، ހަލުވި ދުވެލީގައި ވެކްސިން ކެމްޕޭންތައް ހިންގަން ފެށުމާއެކު، ހަކަތައިގެ އުފެއްދުންތަކަށް އޮތް ޑިމާންޑް އިތުރުވުމަކީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބެވެ.

މި ދަނޑިވަޅުގައި ހަކަތައިގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައި ވާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ޗައިނާ ހިމެނެއެވެ.

އިނގިރޭސިވިލާތުގައި ހަކަތައިގެ އަގު އިންތިހާއަށް އުފެލެމުން ދާއިރު، ފާއިތުވީ 8 އަހަރު ދުވަހުގެ ތެރޭގައި ނުދާހާ މައްޗަށް ފިއުލްގެ އަގު އުފުލޭނެ ކަމަށް ލަފާ ކުރެވެއެވެ. އިނގިރޭސިވިލާތުގައި ހަކަތައިގެ އަގަށް ބަދަލުއައިސް، ސަޕްލައިއާ މެދު ސުވާލު އުފެދި، ކަސްޓަމަރުންގެ މެދުގައި ހާސް ކަން އުފެދެމުންދާ މި ދަނޑިވަޅުގައި، އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އަސްކަރީ ސަފުތައްވެސް ރުކުރުވާލާފައެވެ.

ހަކަތައިގެ މައްސަލަ ކުރިމަތިވެފައި ވާ އަނެއް ގައުމަކީ ޗައިނާއެވެ. އެކަށީގެންވާ ގޮތެއްގައި ހަކަތަ ނުލިބުމުގެ މައްސަލަ އާންމު ގެތަކުގެ އިތުރުން ސިނާއީ ކާރުހާނާތަކަށްވެސް ފޯރާފައި ވާއިރު، މިކަމުގެ އަސަރު، ޗައިނާގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލިންވެސް ފެނިގެންދާނެ ކަމަށް މިހާރު ވަނީ ލަފާ ކޮށްފައެވެ.