ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައި ވާ އަފްގާނިސްތާނުގެ ބޭންކިންގް ނިޒާމު، މުޅިން އިނދަޖެހުމާ ގާތް ވެފައި ވާ ކަމުގެ އިންޒާރު، އެ ގައުމުގައި އޮޕަރޭޓް ކުރާ އެންމެ ވަރުގަދަ އެއް ބޭންކުގެ ވެރިޔާ ދީފިއެވެ.
އިންތިހާ ހާސްކަމުގެ ތެރޭގައި ކަސްޓަމަރުން ތިބި މި ދަނޑިވަޅުގައި، އިސްލާމިކް ބޭންކް އޮފް އަފްގާނިސްތާންގެ ޗީފް އެގްޒެކެޓިވް، ސައީދު މުސާ ކަލީމު އަލް-ފަލާހީ ބުނީ، އަފްގާނިސްތާނުގެ މާލީ ސިނާއަތް މިހާރު އޮތީ، ދެމި އޮތުމާއި ނެތި ދިއުމުގެ ކާރިސީ ފައްތަރުގައި ކަމަށެވެ.
ކާބުލް މަސްރަހު ނުތަނަވަސް ވުމުގެ ސަބަބުން މިވަގުތު ދުބާއީގައި ހުރެ، ބައިނަލްއަގުވާމީ މީޑިއާއާ ވާހަކަދައްކަމުން އަލް-ފަލާހީ ބުނީ، ބޭންކަށް ޖަމާކޮށްފައި ވާ ފައިސާ ނެގުމުގެ މުއާމަލާތްތައް ނުވަތަ ވިތުޑްރޯވަލްސް ފުދޭ ވަރަކަށް ގިނައިން ހިންގަމުން ދާ ކަމަށެވެ.
މިވަގުތު ދެމުން ދަނީ ހަމައެކަނި ވިތުޑްރޯވަލްގެ ހިދުމަތް ކަމަށާ، ގިނަ ބޭންކުތަކުގެ މަސައްކަތް އެއްވެސް ވަރަކަށް ނުހިނގާ ކަމަށް އަލް-ފަލާހީ ވަނީ ފާހަގަ ކޮށްފައެވެ.
އޯގަސްޓް 15 ވަނަ ދުވަހު، ތޯލިބާނުންގެ މުށުތުރެއަށް އަފްގާނިސްތާނު ގެންދިޔަ އިރުވެސް އެ ގައުމަށް ވަނީ އިގުތިސޯދީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައެވެ. ބޭރުގެ އެހީއަށް އިންތިހާއަށް ބަރޯސާވެފައި ވާ އަފްގާނިސްތާނުގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ގެ ގާތްގަނޑަކަށް 40 ޕަސެންޓަކީ، ބައިނަލްއަގުވާމީ އެހީ ކަމަށް ވޯލްޑް ބޭންކުގެ ރެކޯޑްތަކުން ދައްކައެވެ.
ނަމަވެސް އަފްގާނިސްތާނުގެ ކޮންޓްރޯލް، ތޯލިބާނުން ނެގުމާއެކު، ހުޅަނގުން ވަނީ އަފްގާނިސްތާނަށް ދެމުން ދިޔަ ބައިނަލްއަގުވާމީ އެހީތައް މަޑުޖައްސާލާފައެވެ. އޭގެ ތެރޭގައި ވޯލްޑް ބޭންކާއި ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) ގެ އެހީ ހޯދުމަށް ބޭނުން ކުރެވިދާނެ އެސެޓްތައްވެސް ހިމެނެއެވެ.
އަލް-ފަލާހީ ވަނީ، މިއީ ރަނގަޅު ނިންމުމެއް ކަމަށް ސިފަ ކޮށްފައެވެ. އެހެނީ، މިކަން މިހެން އޮތުމުން، އިތުރު މަސްދަރުތަކުން އެހީ ހޯދުމަށް ތޯލިބާނުންނަށް ހިތްވަރު ލިބުން ކަމަށް އޭނާ ފާހަގަ ކުރެއެވެ. އެގޮތުން، ރަޝިއާ އަދި ޗައިނާ ފަދަ ގައުމުތަކުން އެހީ ހޯދުމަށް ތޯލިބާނުން މަސައްކަތް ކުރާ ކަން އަލް-ފަލާހީ ވަނީ ފާހަގަ ކޮށްފައެވެ. ޗައިނާއިން މިހާރުވެސް ވަނީ މިފަދަ އިޝާރާތެއް ދީފައެވެ.
އަފްގާނިސްތާނުގެ މަސްރަހަށް ބަލާއިރު، ބާޒާރުގައި ތަކެތީގެ އަގުތައް ދަނީ އިންތިހާއަށް އުފުލެމުންނެވެ. އެ ގައުމުގެ ފައިސާގެ އަގު ދަނީ ވެއްޓެމުންނެވެ. ގިނަ ބައެއްގެ ވަޒީފާ ގެއްލިފައި ވާއިރު، ނަގުދު ފައިސާ ލިބުމުގައިވެސް ދަތިކަން ވަނީ ކުރިމަތިވެފައެވެ.
ރައްކާތެރި މާހައުލެއް ގާއިމު ކުރެވެންދެން އަންހެން މުވައްޒަފުން ވަޒީފާއަށް ނުނިކުތުމަށް ތޯލިބާނުން އިރުޝާދު ދީފައި ވީ ނަމަވެސް، އޭނާގެ ބޭންކުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން ވަޒީފާއަށް ނިކުންނަމުން ދާކަން އަލް-ފަލާހީ ވަނީ ފާހަގަ ކޮށްފައެވެ. އޮފީހަށް ނިކުތުމަށް އަންހެނުން ފުރަތަމަ ޖެހިލުން ވި ކަމަށާ، ނަމަވެސް މިހާރު މަޑުމަޑުން އެކަން ބަދަލު ވަމުން އަންނަ ކަމަށްވެސް އޭނާ ބުނެއެވެ.