2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެންމަތިވި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޗައިނާގެ ކޭންސީނޯ ބައޮލޮޖިކްސް (ކޭންސީނޯބައޯ) އިން އުފެއްދި ވެކްސިނަކީ، އުމުރުން 6 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް އިންތިހާ ރައްކާތެރި، އަދި ބައްޔާ ދެކޮލަށް ދިފާއު އުފައްދާދެނިވި ވެކްސިނެއް ކަމަށް ޗައިނާގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.
ކޭންސީނޯބައޯގެ ވީޗެޓް ގުރޫޕުގައި އާންމު ކޮށްފައި ވާ މައުލުމާތާ ހަވާލާދީ ޗައިނާގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި އެ ކުންފުނީގެ ޓައިޕް-5 (އެޑް5) ވެކްޓާޑް ކޮވިޑް ވެކްސިންގެ ތަހުލީލީ މަރުހަލާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ބޮޑެތި މީހުންނަށް ދޭ ޑޯޒްއަށް ވުރެ ކުޑަ ޑޯޒްއެއް ދިނުމުން، އުމުރުން 6 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް އިންތިހާ ރައްކާތެރި ކަމާއި ދިފާއު ލިއްބައިދެއެވެ.
ކޭންސީނޯބައޯގެ ކޮވިޑް ވެކްސިންގައި ބޮޑެތި މީހުންނަށް ޖަހަނީ، 0.5 މިލިލީޓަރުގެ 1 ޑޯޒްއެވެ. އުމުރުން 6 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް އިންތިހާ ރައްކާތެރިކަމާއި ދިފާއު ލިއްބައިދެނީ. 0.3 މިލިލީޓަރުގެ 1 ޑޯޒްއިން ކަމަށް ހަބަރު ލިބެއެވެ.
ކްލިނިކަލް އިންފެކްޝަސް ޑިޒީޒް މަޖައްލާގައި އާންމު ކޮށްފައި ވާ ދިރާސާގައި، ވެކްސިން ޖެހި ގުރޫޕަކާ، ޕްލަސީބޯ ނުވަތަ އަސްލު ނޫން ޑޯޒްއެއް ޖެހި ގުރޫޕެއް ހިމެނޭހެން، ޖުމުލަ 430 ބައިވެރިންގެ ކިބައިން މައުލޫމާތު އެއްކޮށްފައި ވެއެވެ.
ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ވައިރަހުގެ ބާރު ކަނޑުވާލާފައި ވާ ނުވަތަ އިންއެކްޓިވޭޓަޑް ކޮވިޑް ވެކްސިންގެ 3 ވެކްސިނެއް، ކުޑަކުދިންގެ ހަށިގަނޑުގައި ބޭނުން ކުރުމަށް ރުހުން ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސީނޯފާމްގެ 2 ވެކްސިނަކާއި ސީނޯވެކްގެ ވެކްސިނެކެވެ. ޗައިނާގައި ވެކްސިން ޖެހުމަށް މިހާރު އެކުލަވާލާފައި ވާ އިސްތިރާޖު އޮތް ގޮތުން، ކޮވިޑް ވެކްސިން ޖަހަމުން ދަނީ، އުމުރުން 12 އަހަރާއި 12 އަހަރުން މަތީގެ ކުދިންނާއި މީހުންގެ ގަޔަށެވެ.
ސެޕްޓެމްބަރު 15ގެ ނިޔަލަށް، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ، 95.3 މިލިއަނެއްހާ ކުދިންގެ ހަށިގަނޑަށް، 170 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ޖަހާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ފަހަކަށް އައިސް ޗައިނާގައި ކޮވިޑް ފެތުރެމުން ދާ ގޮތަށް ބަލާއިރު، އެލެމެންޓްރީ ނުވަތަ ޕްރީ ސްކޫލް އުމުގެ ކުދިންނާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.