ދަނޑުވެރިކަމުގެ ސިނާއަތަށް މިނިވަންކަން ގެނުވަނިވި އިސްލާހީ ބަދަލެއްގެ ގޮތުގައި ތައާރަފު ކޮށްފައި ވާ ގާނޫނާއި ގަވައިދުތަކަކީ، އެ މީހުންގެ ދިރިއުޅުމަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ސިލްސިލާ ގޮތެއްގައި މުޒާހަރާ ކުރަމުން ދާ އަވަށްޓެރި އިންޑިއާގެ ދަނޑުވެރިން، ގައުމީ ފެންވަރުގެ ހަޅުތާލަކަށް ނިކުމެއްޖެއެވެ.

ވެރިކަން ކުރާ ނިއުދިއްލީގެ ރަށްބޭރު ސަރަހައްދު ވަށާލައިގެން ދަނޑުވެރިން މުޒާހަރާކޮށް، ހަޅުތާލު ކުރަމުން ދާތާ 10 މަސްދުވަސް ވެފައި ވާއިރު، ބޮޑެތި ހައިވޭތައް ބައްދައިގެން ކުރިއަށް ގެންދާ މި ހަރަކާތަކީ، ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރާ ދެކޮޅަށް، ދަނޑުވެރިން ކުރިއަށް ގެންދާ އެންމެ ދިގު ހަރަކާތްވެސް މެއެވެ.

ރޮއިޓާޒްއާ ވާހަކަދައްކަމުން، މުޒާހަރާގެ އިސް ލީޑަރެއް ކަމުގައި ވާ ރާކޭޝް ތިކާއިތު ބުނީ، މުޅި ގައުމަށް ހަޅުތާލު ފެތުރިގެން ދާނެ ކަން ކަށަވަރު ކުރުމަށްޓަކާ، އެތައް ހާސް ދަނޑުވެރިންނެއް އެކި ހިސާބުތަކަށް ދަތުރު ކޮށްފައި ވާ ކަމަށެވެ. އަދި މި ހަރަކާތަކީ، ބޮޑެތި، އަމިއްލަ ކުންފުނިތަކަށް ފައިދާ ކުރަނިވި ގޮތަކަށް ފަރުމާ ކޮށްފައި ވާ ބަދަލުތަކެއް ކަން ހަނދާން ކޮށްދީ، އެ ބަދަލުތައް އުވާލުމަށް ސަރުކާރަށް ހަނދާން ކޮށްދިނުމަކީ މަގުސަދެއް ކަމަށްވެސް ތިކާއިތު ވަނީ ބުނެފައެވެ.

ދަނޑުވެރިންގެ އިއްތިހާދުން ވަނީ، ހަޅުތާލުގެ ސަބަބުން، ކުއްލި ހާލަތުގެ ހިދުމަތްތަކަށް ބުރޫ ނާރާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި ހަޅުތާލަކީ ސުލްހަވެރި ހަޅުތާލެއް ކަން ކަށަވަރު ކުރާނެ ކަމަށްވެސް އިއްތިހާދުން ވަނީ ބުނެފައެވެ.

ސެޕްޓެމްބަރު 2020 ގައި އިންޑިއާގައި ތައާރަފު ކުރި ދަނޑުވެރިކަމުގެ ގާނޫނަކީ، ސަރުކާރުން ރެގިއުލޭޓް ކުރާ ހޯލްސޭލް ބާޒާރުގެ ބޭރުން، މިނިވަން ކަމާއެކު، އެ ދަނޑުވެރިންގެ މުދާ ވިއްކޭ ގޮތަށް ފަރުމާ ކޮށްފައި ވާ ގާނޫނެކެވެ. ނަމަވެސް މި ބަދަލަކީ، ބޮޑެތި ދަނޑުވެރިންނާ އަޅާ ބަލާއިރު، ކުދި ދަނޑިވެރިންނަށް އޮތް ނުރައްކަލެއް ކަމަށާ، މި ބަދަލަކީ، ގޮދަނާއި ހަނޑޫ ފަދަ އަސާސީ އުފެއްދުންތަކުގެ އަގު ވައްޓާލަނިވި ބަދަލަކަށް ވާނެ ކަމުގެ ޝަކުވާ ވަނީ ފެންމަތިވެފައެވެ.

ނަމަވެސް، އިންޑިއާގެ ސަރުކާރުން ބުނަމުން ދަނީ މި ބަދަލަކީ ހެޔޮ ބަދަލެއް ކަމަށާ، މިއީ އާ ފުރުސަތު ތަނަވަސް ކޮށްދެނިވި ބަދަލެއް ކަމަށެވެ.

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާގެ 2 ބައިކުޅަ 1 ބައި ހާ މީހުންނަށް ދަނޑުވެރިކަމުގެ ސިނާއަތަކީ އިންތިހާއަށް މުހިންމު ސިނާއަތެކެވެ. އިންޑިއާގެ 2.7 ޓްރިލިއަން ޑޮލަރުގެ އިގުތިސޯދުގެ 15 ޕަސެންޓް ހިއްސާ ކުރަނީ ދަނޑުވެރި ކަމުގެ ސިނާއަތެވެ.