ގައުމީ ފެންވަރުގައި 7 ފަހަރެއްގެ މަތިން ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ މައުލޫމާތުގެ މައްޗަށް ބިނާ ކޮށް ތައްޔާރު ކޮށްފައި ވާ، ޝިންޖިއާންގް ސަރަހައްދުގެ އާބާދީގެ ތަފްސީލު ދެނިވި ފުރަތަމަ ވައިޓްޕޭޕާ ނުވަތަ މައުލޫމާތު ކަރުދާސް، ޗައިނާއިން އާންމު ކޮށްފިއެވެ.

މި ކަރުދާހާ ހަވާލާދީ، ޗައިނާ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ޝީންޖިއާންގްގައި ދިރިއުޅޭ ނަސްލީ ގޮތުން ބައިމަދު މީހުންގެ އާބާދީ ވަނީ، ހަލުވި ދުވެއްޔެއްގައި އިތުރު ވެފައެވެ. އެގޮތުން 1953 ވަނަ އަހަރު ވީގޫރު ދަރިކޮޅުގެ އާބާދީ 3.61 މިލިއަންގައި އޮތް އިރު، 2020 ވަނަ އަހަރު، މިއަދަދު 11.62 މިލިއަނަށް އަރާފައި ވާކަމަށް ބުނެ، ޗައިނާއިން ވަނީ، އެ ދަރިކޮޅުގެ މުސްލިމުންގެ ނަސްލު ދޮވެލުމަށް ޗައިނާއިން ގަތުލުއާންމު ހިންގާ ކަމަށް ކުރާ ތުހުމަތަށް ގޮން ޖަހާފައެވެ.

އެގޮތުން، ޝީންޖިއާންގް ދެކުނުގެ 4 ޕްރީފެކްޗާއެއްގެ އާބާދީގެ 83.74 ޕަސެންޓް ހިއްސާ ކުރަނީ ވީގޫރު ދަރިކޮޅުގެ މީހުން ކަމަށް ކަރުދާހާ ހަވާލާދީ، ގްލޯބަލް ޓައިމްސްގައި ރިޕޯޓް ކޮށްފައި ވެއެވެ.

ކަން މިހެން އޮތް ނަމަވެސް، ޝީންޖިއާންގްއާ ބެހޭ ދިރާސާކުރި މިނިވަން މުރާސިލުން މީގެ ކުރިން ވަނީ، މިއާ ހިލާފު ވާހަކަތަކެއް ފެންމަތި ކޮށްފައެވެ. އެގޮތުން 2017 އާއި 2018 ވަނަ އަހަރާ ދެމެދު، ވީގޫރު އާބާދީ އިތުރުވެ ދިއުމަށް ހުރަސް އަޅާފައި ވާ ކަމަށް، ޖަރުމަނުވިލާތުގެ އިލްމުވެރިޔާ، އޭޑްރިއަން ޒެންޒް ވަނީ ތުހުމަތު ކުރައްވާ، ދިރާސާއެއް އާންމު ކުރައްވާފައެވެ.

ނަމަވެސް، ޒެންޒް ފަދަ އިލްމުވެރިންގެ ދިރާސާތަކަށް ޗައިނާއިން އިންކާރު ކުރެއެވެ. އަދި އެ މީހުންނަކީ އާބާދީގެ މާ ބޮޑު ތަފްސީލުތަކެއް އެނގޭ ބައެއް ނޫންކަމަށްވެސް ޗައިނާއިން ސިފަކުރެއެވެ.

"ޝީންޖިއާންގް ޕޮޕިއުލޭޝަން ޑައެނަމިކްސް އެންޑް ޑޭޓާ" ގެ ނަމުގައި އާންމު ކޮށްފައި ވާ މި ކަރުދާހަކީ، ފާއިތުވީ 70 އަހަރު ދުވަހުގެ ތެރޭގައި އެ ސަރަހައްދުގެ އާބާދީއަށް އައި ބަދަލުތަކުގެ ތަފްސީލީ ޗާޓެއް ކުރާހާދޭ ކަރުދާހެއް ކަމަށް ޗައިނާގެ މީޑިއާއިން ވަނީ ސިފަ ކޮށްފައެވެ. މިއީ ޝީންޖިއާންގް އާ ބެހޭ އިދާރާއިން އާންމު ކުރި، ތަފާސް ހިސާބުތަކުގެ 10 ވަނަ ކަރުދާހެވެ. މީގެ ކުރިން ކަރުދާސްތައް އާންމު ކޮށްފައި ވަނީ، އިންސާނީ ހައްގުތަކުގެ ރޮނގުނު ހާސިލުވި ކާމިޔާބީއާއި، ވޮކޭޝަނަލް ތަމްރީނާއި، ތައުލީމު ދޭ މަރުކަޒުތަކާއި، ވަޒީފާ އަދި ޓެރަރިޒަމާ ދެކޮޅަށް ހިންގާ މަޝްރޫއުތަކާ ބެހޭ ގޮތުންނެވެ.

އާބާދީއާ ބެހޭ ކަރުދާސް އެކުލަވާލުމުގައި ބައިވެރިވެވަޑައިގެންނެވި، ޕީކިންގް ޔުނިވާސިޓީގެ ލީ ޖިއާންޝީން ވިދާޅުވީ، މި ކަރުދާހުގައި ބޭނުން ކޮށްފައިވާނީ ސައްހަ ތަފާސް ހިސާބު ކަމަށެވެ.