ކިޑްނެޕް ކުރުމުގެ ޖަރީމާ ހިންގި 4 މީހަކު ދަންޖައްސާ، އާންމުންނަށް ފެންނާނެހެން އެމީހުންގެ ހަށިގަނޑު ބަހައްޓާ، ކިޑްނެޕަރުންނަށް ވަރުގަދަ އިންޒާރެއް، ތޯލިބާނުން ދީފިއެވެ.

އޯގަސްޓް 15 ވަނަ ދުވަހު އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ތޯލިބާން ޖަމާއަތުން، ކްރޭންގައި އެލުވައިގެން ދަންޖައްސާފައި ވާ 4 މީހެއްގެ ހަށިގަނޑު، އާންމުންނަށް ފެންނާނެހެން ބަހައްޓާފައި ވަނީ، ކިޑްނެޕް ކުރުން ނުވަތަ މީހުން ވަގަށް ނެގުމަކީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަން އަންގައިދިނުމުގެ ގޮތުން ކަމަށް، މި އަމަލު ހިންގި، ހީރާތު ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރު، މައުލާވީ ޝީރު އަހްމަދު މުހާޖިރު ވަނީ ބުނެފައެވެ.

ކިޑްނެޕަރުންގެ ހަށިގަނޑުން ގިނަ އަދަދެއްގެ ލޭ ބޭރުވެފައި ވާ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވެފައި ވާއިރު، ދަންޖައްސާފައި ވާ އެކެއްގެ މޭ މަތީގައި، މީހުން ވަގަށް ނަގާ، ރަހީނު ކުރާ މީހުންނަށް "މިފަދައިން" އަދަބު ދެވޭނެ ކަމަށް އިންޒާރުގެ މެސެޖެއްވެސް ލިޔެފައިވެއެވެ.

މިއީ އަފްގާނިސްތާނުގެ ކޮންޓްރޯލް، ތޯލިބާނުންގެ މުށުތެރެއަށް ގެންދިޔަ ފަހުން، މިފަދަ ހަރުކަށި އަދަބެއް ދިން ކަން ހާމަވި ފުރަތަމަ ފަހަރެވެ.

ހާދިސާގެ އިތުރު ތަފްސީލު ދެމުން މުހާޖިރު ބުނީ، ވިޔަފާރިވެރިއަކާ އޭނާގެ ދަރިފުޅު ވަގަށް ނަގާފައި ވާ ކަމުގެ މައުލޫމާތު، ސަލާމަތީ ބާރުތަކަށް ލިބުނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެއަށްފަހު ފުލުހުން ނިކުމެ، މަގުތައް ބަންދު ކުރި ކަމަށާ، ޗެކްޕޮއިންޓް ތަކުން މީހުން ހުއްޓުވުމުގެ މަސައްކަތް ތޯލިބާނުން ކުރިއަށް ގެންދިޔަ ކަމަށް މުހާހިރު ބުންޏެވެ.

އަދި ހަމަލާ ބަދަލުތަކެއް ކުރުންތަކެއް ހިނގި ކަމަށާ، ތޯލިބާނުންގެ ހަނގުރާމަވެރިއަކު މަރުވި ކަމަށް މުހާޖިރު ބުންޏެވެ. ރެކޯޑް ކޮށްފައި ވާ ބަޔާނުގައި މުހާޖިރު އިތުރަށް ބުނީ، ކިޑްނެޕަރުންގެ 4 މީހުންވެސް މަރާލާފައި ވާ ކަމަށެވެ. އަފްގާނިސްތާނަކީ އިސްލާމީ އިމާރާތެއް ކަމަށާ، އަފްގާނިސްތާނަށް އެއްވެސް މީހަކު ގެއްލުމެއް ދީގެން ނުވާނެ ކަމަށާ، އެއްވެސް މީހަކު ވަގަށް ނަގައިގެން ނުވާނެ ކަމަށެވެ.