އަދާ ޖެހުނުއިރުވެސް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ޕޭޝަންޓުންނަށް ފަރުވާ ކުރުމަށް ބޭނުން ކުރާ ބޭހުގެ ލިސްޓަށް، ރީޖެނެރޮން އެންޓިބޮޑީ ކޮކްޓޭލް – ކެސިރިވިމާބް އަދި އިމްޑެވިމާބް އިތުރުކޮށް، މި ޑްރަގްގެ އަގުތައް ހެޔޮ ކުރުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގޮވާލައިފިއެވެ.

އަގުތައް ހެޔޮ ކުރުމަށް ގޮވާލުމުގެ އިތުރުން، ޑަބްލިއުއެޗްއޯއިން ވަނީ އެންމެނަށްވެސް އިންސާފުވެރި އުސޫލަކުން މި ބޭސްތައް އިންތިޒާމް ކަށަވަރު ކުރުމަށް ވެސް ގޮވާލާފައެވެ.

މިހާތަނަށް ހަދާފައިވާ ކުލިނިކަލް ދިރާސާތަކުގެ ހޯދުންތަކަށް ބަލާއިރު، ކެސިރިވިމާބް އަދި އިމްޑެވިމާބް އެއްކޮށްގެން ދިނުމުގެ ހެޔޮ އަސަރުތައް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފެންނަނީ ކޮވިޑް ޖެހި، އިންތިހާއަށް ހާލު ސީރިއަސް ނުވި ނަމަވެސް، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހިދާނެ މީހުންނާއި، ހަށިގަނޑުގައި އެއްވެސް ވަރަކަށް އެންޓިބޮޑީޒްގެ އަސަރު ނެތް މީހުންގެ ކިބައިންނެވެ.

ކޮވިޑް ފަރުވާގެ ލިސްޓަށް ޑަބްލިއުއެޗްއޯއިން އިތުރުކުރި ކެސިރިވިމާބް އަދި އިމްޑެވިމާބް ކޮކްޓޭލް ޑްރަގް / ފޮޓޯ: ފޯޗޫން

މި ޑްރަގަކީ، ހާލު މާ ދެރަ ނޫން، ހައި-ރިސްކު ކޮވިޑް ޕޭޝަންޓުންގެ ހަށިގަނޑުގައި ބޭނުން ކުރުމަށް، ޑަބްލިއުއެޗްއޯއިން ރުހުން ދިން ފުރަތަމަ ބޭސްވެސްމެއެވެ.

އެންޓިބޮޑީ ތެރަޕީއެއްގެ ގޮތުގައި ދެމުން އަންނަ މި ފަރުވާއަށް، އެމެރިކާއިން ރުހުން ދިނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެއީ އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕް، ކޮވިޑަށް ޕޮޒިޓިވްވެވަޑައިގެން، ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވި ދުވަސްވަރެވެ. އިނގިރޭސިވިލާތުންވެސް ވަނީ ކޮވިޑް ފަރުވާގެ ތެރޭގައި މި ބޭސް ބަލައިގެންފައެވެ.