އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް، އެމެރިކާގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ މީހުން، ވައިޓްހައުސް ސަރަހައްދުގައި މުޒާހަރާ ކޮށްފިއެވެ.

މޯދީގެ ދަތުރުފުޅާ ދެކޮޅަށް، ވައިޓްހައުސް ސަރަހައްދުގައި މުޒާހަރާ ކުރި މީހުން ވަނީ، އިންސާނީ ހައްގުތަކާ ހިލާފު ޖަރީމާތައް މޯދީ ހިންގަވާ ކަމަށާ، ގާނޫނީ އިމުން ބޭރުން، މުސްލިމުންނާއި އެނޫންވެސް، އާބާދީގެ ނިސްބަތުން ބައިމަދު ދީންތަކުގެ މީހުންނާ މެދު އަމަލު ކުރައްވާ ކަމަށް ތުހުމަތު ކޮށްފައެވެ. މީގެ އިތުރުން، ދަނޑުވެރިކަމުގެ ގާނޫނަށް ގެންނަ "އިސްލާހު"ތަކާއި، ކަޝްމީރުގެ އިންޑިއާއާ ވީ ފަޅީގައި ހުންނާ އޮޕަރޭޝަންތަކާ ދެކޮޅަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ޝުއޫރު ފާޅު ކޮށްފައެވެ.

2014 ވަނަ އަހަރު، އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމާ ފުރަތަމަ ފަހަރަށް މޯދީ ހަވާލުވެވަޑައިގަތީއްސުރެ، ދީނީ ތަފާތު ކުރުންތަކުގެ މައްސަލައަކީ، އިންތިހާއަށް ބޮޑުވެފައި ވާ މައްސަލައެކެވެ. ވަކިން ހާއްސަކޮށް، އިންޑިއާގެ 200 މިލިއަނެއްހާ މުސްލިމުންނަށް، މޯދީގެ ސަރުކާރުން ކުރަމުންދާ ފުރައްސާރައިގެ ވާހަކައަކީ، ކެނޑިނޭޅި އިވެމުން އަންނަ ވާހަކަތަކެކެވެ.

މޯދީ މިވަގުތު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، އިންޑޯ-ޕެސިފިކް ސަރަހައްދުގެ ޒުވާން އިއްތިހާޑު، "ކުއަޑް"ގެ ސަލާމަތާ ބެހޭ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. ކުއަޑްގެ މި ބައްދަލުވުމުގައި، އެމެރިކާގެ ރައީސް ޖޯ ބައިޑަން، އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން އަދި ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހީދޭ ސޫގާވެސް ބައިވެރިވެވަޑައިގަންނަވައެވެ. މިއީ ކުއަޑްގެ އިއްތިހާދު އެކުލަވާލި ފަހުން، 4 ގައުމުގެ އެންމެ އިސް ލީޑަރުން އެއް މާހައުލަކުން ބައްދަލު ކުރައްވާ ފުރަތަމަ ފަހަރުވެސްމެއެވެ.

ކުއަޑްގެ އިއްތިހާދަކީ، އަސްކަރީ ގޮތުންނާއި އިގުތިސޯދީ ގޮތުން މުޅި ދުނިޔެއަށް އަތްގަދަ ކުރުމަށް ޗައިނާއިން ހިފާފައި ވާ އަމާޒާ ދެކޮޅަށް އެކުލަވާފައިވާ، 4 ގައުމު ބައިވެރިވާ އިއްތިހާދެކެވެ.

މީގެ އިތުރުން، މިހާރު ކުރިއަށް ދާ އދގެ 76 ވަނަ އާންމު މަޖިލީހުގެ އިސްވެރިންގެ ބައްދަލުވުމުގައިވެސް މޯދީ ތަގުރީރު ކުރައްވާނެއެވެ.

ވައިޓްހައުސް ކުރިމަތީގައި މޯދީއާ ދެކޮޅަށް މުޒާހަރާ ކުރި މީހުން ވަނީ، އިންސާނީ ހައްގުތަކަކީ އެމެރިކާގެ ހާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އަސާސް ކަމުގައި ހައްދަވާނެ ކަމަށް ވިދާޅުވެ، ކެމްޕޭންތަކުގައި ވެވަޑައިގެންނެވި ވައުދު ދެމެހެއްޓެވުމަށް، ބައިޑަންއަށްވެސް ގޮވާލައްވާފައެވެ.

ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވި ދުވަސްވަރު، ބައިޑަން ވަނީ، އިންޑިއާ ސަރުކާރުން ކަޝްމީރާ މެދު އަމަލު ކުރާ ގޮތާ، އައްސާމް ސްޓޭޓްގެ ރަށްވެހި ކަމުގެ މައްސަލައަށް ވަރަށް ބޮޑަށް ފާދުވިދާޅުވެފައެވެ.