ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު މަރުވެފައި ވަނީ އުމުރުން 46 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވެފައި ވަނީ ރޭ ދަންވަރު 3:02 ހާއިރު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މި މަރާ އެކު މިހާރު ރާއްޖެއިން މި ބަލީގައި މަރުވި މިހުންގެ އަދަދު ވަނީ 230 އަށް އަރާފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީ ކޮވިޑް ބަލީގައި މި މަހު މަރުވި 4 ވަނަ މީހާއެވެ. މި މަހު މި ބަލީގައި މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ގެންދިޔަ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން ގދ އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެނިކޮށް މަރުވި އުމުރުން 89 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 230 އަށް އަރާފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 181 މީހަކު މަރުވެފައެވެ.