ލައިފް އެކްސްޕެކްޓަންސީ ނުވަތަ އިންސާނަކު ދިރިއުޅޭނެ ކަމަށް ލަފާ ކުރާ އެންމެ ދިގު އުމުރަށް ބަލާއިރު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު، ފިރިހެނުންގެ ލައިފް އެކްސްޕެކްޓަންސީ ދަށަށް ގޮސްފައި ވާ ކަމަށް ދިރާސައަކުން ދައްކައިފިއެވެ.
އިނގިރޭސިވިލާތުގެ ފިރިހެނުން ދިރިއުޅޭނެ އެންމެ ދިގު އުމުރެއް ކަމަށް ލަފަ ކުރާ އުމުރު ކުރުވެފައި ވާ ކަމަށް ދިރާސާއިން ދައްކާފައި ވާއިރު، މިއީ ފާއިތުވީ 40 އަހަރު ދުވަހުގެ ތެރޭގައި މި ކަން ފާހަގަ ކުރެވުނު ފުރަތަމަ ފަހަރެވެ. ކަން މިހެން އޮތް އިރު، ކޮވިޑްގެ ބަލިމަޑުކަމާއެކު އަންހެނުންގެ ލައިފް އެކްސްޕެކްޓަންސީ ދަށަށް ގޮސްފައި ވާތީއެއް ނުދައްކައެވެ. އަންހެނުން ދިރިއުޅޭނެ ކަމަށް ލަފާ ކުރާ އުމުރު ދިގުވި ކަމަކަށްވެސް ނުދައްކައެވެ.
އޮފީސް އޮފް ނޭޝަނަލް ސްޓެޓިސްޓިކްސް (އޯއެންއެސް)ގެ ސެންޓާ ފޮ އޭޖިންގް އެންޑް ޑެމޮގްރަފީގެ ޕަމެލާ ކޮބް ވިދާޅުވީ، ފާއިތުވީ 40 އަހަރު ދުވަހަށް ބަލާއިރު އިނގިރޭސިވިލާތުގައި ލައިފް އެކްސްޕެކްޓަންސީ ވީ އިތުރު ކަމަށެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމާއެކު، 2020 ވަނަ އަހަރަކީ ގިނަ އަދަދެއްގެ މަރުތަކެއް ރެކޯޑް ކުރަން ޖެހުނު އަހަރެއް ކަމަށެވެ.
ކޮބް ވިދާޅުވާ ގޮތުގައި ފިރިހެނުން ދިރިއުޅޭނެ ކަމަށް ލަފާ ކުރާ އުމުރު ވަނީ، 2012 އާއި 2014 ވަނަ އަހަރާ އަހަރާ ދެމެދު ރިޕޯޓް ކުރި މިންގަނޑުތަކަށް ދަށްވެފައެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން، 2015 އާއި 2017 ވަނަ އަހަރާ ދެމެދު އުފަންވި ފިރިހެން ކުދިންގެ ލައިފް އެކްސްޕެކްޓަންސީއަކީ 79.2 އަހަރެވެ. ނަމަވެސް 2018 ވަނަ އަހަރާއި 2020 ވަނަ އަހަރާ ދެމެދު އުފަންވި ކުދިންގެ މި އަދަދު، 70 އަށް ދަށަށް ގޮސްފައި ވާ ކަމަށް އޯއެންއެސްއިން ބުނެއެވެ.
2015 އާއި 2017 ވަނަ އަހަރާ ދެމެދު އަދި 2018 އާއި 2020 ވަނަ އަހަރު އުފަންވި އަންހެން ކުދިންގެ ލައިފް އެކްސްޕެކްޓަންސީ އަކީ 89.2 އަހަރެވެ.
ތަފާސް ހިސާބުތަކުން މިހެން ދެއްކި ކަމުގައި ވީ ނަމަވެސް، އޭގެ މާނައަކީ، 2018 ވަނަ އަހަރާއި 2020 ވަނަ އަހަރާ ދެމެދު އުފަންވި ފިރިހެން ކުދިންގެ އުމުރު، ކަނޑައެޅިގެން ކުރުވުން ނޫން ކަމަށް، ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަން ނިމުމުން، ތަފާސް ހިސާބުތަކަށް ބަދަލު އައުން އެކަށީގެން ވާ ކަމަށް ވިދާޅުވެއެވެ.
ލައިފް އެކްސްޕެކްޓަންސީގެ ހިސާބުތައް ހަދަނީ، އެ ދުވަސްވަރެއްގައި މީހުން މަރުވާ ނިސްބަތަށް ބަލައިގެންނެވެ.