އެމެރިކާއިން އިޒްރޭލަށް ފޯރުކޮށްދޭ އެހީއަކީ، އިންސާނީ ހައްގުތަކާ ހިލާފު ޖަރީމާތައް ހިންގަން ބޭނުން ކުރާ އެހީއެއް ނޫން ކަން ކަށަވަރު ކުރުމަށް އިތުރަށް ފާރަވެރިވުމަށް ގޮވާލާ ބިލެއް، އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީގެ މަޖިލީސް މެންބަރުން ހުށަހަޅުއްވައިފިއެވެ.

ޑިމޮކްރަޓިކް މެންބަރުން ވަނީ، އިޒްރޭލާއި ފަލަސްތީނު، ވަކިވެފައި ވާ މިނިވަން 2 ދައުލަތުގެ ގޮތުގައި އުފެދިގެން އައުމަށް ތާއީދު ކުރާ ކަމަށްވެސް އެ ބިލްގައި މެންބަރުން ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ތަޅުމަށް ބިލް ހުށަހެޅުއްވި ކޮންގްރެސްމަން އެންޑީ ލެވިން ވިދާޅުވީ، މި ބިލަކީ، އެމެރިކާގެ ސިޔާސަތުގައި، އިޒްރޭލާއި ފަލަސްތީނުގެ ސަރަހައްދީ އިން، ކަނޑައެޅިގެން ވަކި ގޮތަކަށް ބަޔާން ކުރާނެ ބިލެއް ކަމަށާ، ކަނޑައަޅާ ބައިތަކުގެ ތެރޭގައި އިރުމަތީ ގުދުސްވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، މި ބިލަކީ، ފަލަސްތީނާއެކު ޑިޕްލޮމެޓިކް ގުޅުން ދެމެހެއްޓުމަށް އެމެރިކާއަށް ލާޒިމު ކުރާ ބިލެކެވެ. އަދި ވޮޝިންގްޓަން ޑީސީގައި ހިންގަމުން ދިޔަ ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ އޮފީސް އަލުން ހުޅުވުމަށާ، އިރުމަތީ ގުދުސްގައި ހިންގާ އެމެރިކާގެ ކޮންސިއުލޭޓް އަލުން ހުޅުވުމަށްވެސް މި ބިލް ގޮވާލައެވެ. މި 2 އޮފީހަކީވެސް، އެމެރިކާގެ ކުރީގެ ރައީސް، ޑޮނާލްޑް ޓްރަމްޕްގެ ޒައާމަތުގައި ބަންދު ކުރެއްވި 2 އޮފީހެވެ.

އެމެރިކާގެ އަދުގެ ރައީސް، ޖޯ ބައިޑަން ވަނީ، ފަލަސްތީނާއެކު އޮތް ގުޅުންތައް އަލުން އިޔާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ބައިޑަންގެ ވެރިކަމަށް 8 މަސް ދުވަސް ފުރިގެން ދިޔަ އިރުވެސް، މިކަމަށް އެދެވޭ މަސައްކަތްތަކެއް، އަމަލީ ގޮތުން ކުރެވިފައި ވާތީއެއް ނުފެނެއެވެ.

މިހާރު ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ އިސްވެރިންގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުންވެސް ބައިޑަން ވަނީ، އެމެރިކާއިން އިޒްރޭލަށް ދެމުން އަންނަ އެހީއަކީ ބަދަލެއް ނުވާނެ އެހީއެއް ކަމަށް ވިދާޅުވެފައެވެ.

ވަކިވެފައި ވާ މިނިވަން 2 ދައުލަތުގެ ގޮތުގައި އިޒްރޭލާއި ފަލަސްތީނު އުފެދިގެން އައުމަށް އެޅިފައި ވާ އެންމެ ބޮޑު އެއް ހުރަހަކީ، އިޒްރޭލުން ހިންގަމުން ދާ ހުދުމުހުތާރީ ވަޒަންވެރި ވުމުގެ ސިޔާސަތެވެ. ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި، އިޒްރޭލުގެ 680000 އަށް ވުރެ ގިނަ މީހުން ވަޒަންވެރިވެގެން މިހާރުވެސް ދިރިއުލެމުން އަންނަ ކަމަށް، އދއިން ދާދި ފަހުން އާންމު އާންމު ކުރި ރިޕޯޓަކުންވެސް ވަނީ ދައްކާފައެވެ.

ކަން މިހެން އޮތް އިރު، ފަލަސްތީނުގެ ހައްގުގައި އެމެރިކާގައި ހިންގަމުން އަންނަ ޔޫއެސް ކެމްޕޭން ފޮ ޕަލަސްޓީނިއަން ރައިޓްސް (އެސްސީޕީއާރް) އިން ވަނީ، އިޒްރޭލަށް ޕްރެޝާ ކުރުމުގައި، ކޮންގްރެސްމަން ލެވިން ހުށަހަޅުއްވާފައި ބިލުން ނުފެދޭ ކަމަށް ބުނެ، ފާޑުކިއާފައެވެ.