މާލޭގެ ގަލޮޅު ސަރަހައްދުން ލޮނުޒިޔާރަތް މަގުގައި ހުންނަ ޒާންސް ފިހާރަ މިއަދު ފަތިހުގެ ވަގުތެއްގައި ފަޅާލައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފިހާރަ ފަޅާލާފައި ވަނީ މިއަދު ފަތިހު 4 ޖަހާކަށް ހާއިރެވެ. އޭރު ފަތިސް ނަމާދަށް ނުކުންނަ މީހުންނާއި ފަތިހު ކަސްރަތަށް ނުކުމެ އުޅޭ މީހުން މަގުމަތީގައި އުޅުނެވެ.

މަންޒަރު ދުށް މީހަކު މައުލޫމާތު ދިން ގޮތުގައި އެ ފިހާރަ ދޮރު ފަޅާލައި އެ ވަގުތު އެތެރެއަށް ވަނީ އެކަކެވެ. އެ މީހާ ހުރީ މާސްކް އަޅައިގެން ކަން ކަށަވަރު ނުވާ ކަމަށާއި ނަމަވެސް އޭނާ ދޮރުގައި ހިފާ ގައި ހުރި ބާރެއްލާ ކޮއްޕާލައިގެން އެ ދޮރު ފަޅާލައިގެން އެތެރެއަށް ވަން ކަމަށް އެމީހާ މައުލޫމާތު ދެއެވެ.

ފަތިހު 5 ޖެހުމާ ހަމައަށް ވެސް އެ ފިހާރަ ކައިރީ ފުލުހުން ތިއްބެވެ. މައުލޫމާތު ލިބޭ ގޮތުގައި ފުލުހުން އެތަނުގައި މަޑުކޮށްގެން ތިބީ އެ ފިހާރައިގެ ވެރިފަރާތާ ނުގުޅިގެން ކަމަށް ބުނެއެވެ.

މި ކަމާ ގުޅިގެން ފުލުހުން ބުނީ، ފަތިހު 3:50 ހާއިރު ލޮނުޒިޔާރަތް މަގުގައި ހުރި ފިހާރައެއް ފަޅާލައި ވައްކަން ކޮށްފައިވާ ކަމުގެ މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމަށް ފުލުހުން މައުލޫމާތެއް ނުދެއެވެ. އަދި މި ހާދިސާގައި އެމީހާ ވަގަށް ނެގީ ކޮން އެއްޗެއް ކަން ވެސް ފުލުހުން ސާފު ކޮށް ނުދެއެވެ.

ލޮނުޒިޔާރަތް މަގުގައި ހުރި ފިހާރައަކޫން މީހަކު ވައްކަން ކޮށްފައިވާ އިރު އިއްޔެ ވަނީ ހަމަ އެ ސަރަހައްދުގައި ހުރި ބޫޓު ވިއްކާ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.