ދޭދޭ ގުޅުން ބަދަހި ކުރެވެން އޮތީ ބޯޑަރު ސަރަހައްދުގައި ސުލްހަ މަސަލަސްކަން ގާއިމު ކުރެވިގެން ކަމަށާ، އެކަން ބިނާވެގެން އަންނަނީ ދޭދޭ މަސްލަހަތު އެކުލެވޭ، އާންމު 3 ކަމެއްގެ މައްޗަށް ކަމަށް، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ވިދާޅުވެއްޖެއެވެ.

ސަރަހައްދީ އެންމެ ވަރުގަދަ ހަތުރުން އަދި އެންމެ ގަދަފަދަ ވާދަވެރިންގެ ގޮތުގައި އޮތް އިންޑިއާއާއި ޗައިނާގެ ދޭދޭ ގުޅުން ބަދަހި ވުން ބިނާވެގެން އަންނާނީ، އެއްބަޔަކު އަނެއް ބަޔަކަށް އިހުރިތާމް ކޮށް، ހައްސާސީ ކަންކަމަށް ސަމާލުވެ، ދޭދޭ މަސްލަހަތަށް ފަރުވާތެރިވުމުގެ މައްޗަށް ކަމަށް ޝްރިންގްލާ ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި، ޗައިނާއަށް މިކަންކަން ސާފުކޮށްދީފައި ވާނެ ކަމަށްވެސް ޝްރިންގްލާ ވަނީ ވިދާޅުވެފައެވެ.

6 ވަނަ ޖޭޕީ މޯގަން "އިންޑިއާ އިންވެސްޓާ ސަމިޓް"ގައި ތަގުރީރު ކުރައްވަމުން ޝްރިންގްލާ ވިދާޅުވީ، އިންޑިއާގެ އަވަށްޓެރި ސަރަހައްދަށް ބަލާއިރު އިރުމަތީ ބޯޑަރު ސަރަހައްދުން ޗައިނާގެ މަސްރުން ފެންމަތިވާ ހާ ހަގީގަތްތައް އަދާ ހަމަ ކުރަމުން ދާއިރު، ޒަމާންވީ ސަލާމަތީ ގޮންޖެހުންތައް އަދިވެސް އެގޮތުގައި އެބަ އޮތް ކަމަށެވެ.

އިންޑިއާއާއި ޗައިނާގެ ސަރުކާރުގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ކުރިއަށް ގެންދަވަމުން ޝްރިންގްލާ ވަނީ، ލަދަކް ސަރަހައްދުގައި، ޗައިނާއިން އަމިއްލަ މަސްލަހަތު އިސްކޮށް އުޅުނު އުޅުމަކީ، ބޯޑަރު ސަރަހައްދުގެ ސުލްހަ މަސަލަސްކަމަށް ކުރިމަތިވި "ސީރިއަސް ތުރާލެއް" ކަމަށެވެ. މި އަމަލުތަކަކީ، ދޭދޭ ގުޅުންތަކުގެ ރޫހާ ހިލާފު ކަމެއް ކަމަށާ، ދޭދޭ ގުޅުމުގެ އެހެން ދާއިރާތަކަށްވެސް އެކަމުގެ އަސަރު ފޯރި ކަމަށް ޝްރިންގްލާ ވިދާޅުވިއެވެ.

ފާއިތުވީ ދޮޅު އަހަރެއްހާ ދުވަހަށް ބަލާއިރު، އިންޑިއާއާއި ޗައިނާގެ ގުޅުންތައް އިންތިހާއަށް ހީނަރުވެ، ހަނގުރާމައެއްގެ ތުންފަތް މައްޗަށް ވެއްޓިގެން ދިޔަ މަންޒަރު ވަނީ ފެނިފައެވެ.