މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން މުނިފޫހިފިލުވުމުގެ ދާއިރާގެ ސްކްރީންތަކުގައި ވެރިކަން ކުރަމުން ދިޔަ ދެކުނު ކޮރެއާގެ ޕޮޕް ބޭންޑް، "ބީޓީއެސް" އިން އދގެ އާންމު މަޖިލީސްވެސް ފަތަހަ ކޮށްފިއެވެ.

އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުންނަ އދގެ މަރުކަޒީ އިދާރާގައި މިހާރު ކުރިއަށްދާ 76 ވަނަ އާންމު މަޖިލީހުގައި، ބީޓީއެސްއިން ވަނީ އެ ބޭންޑްގެ ހާއްސަ ހުށަހެޅުމެއް ހުށަހަޅާ ދިނުމުގެ އިތުރުން، ތަގުރީރުވެސް ކޮށްފައެވެ.

އދގެ 76 ވަނަ އާންމު މަޖިލީހުގައި ބީޓީއެސްއިން ދެއްކި ވާހަކައިގައި އެ ބޭންޑުން ވަނީ އަންނަން އޮތް ޖީލުތަކަށް ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅޫވާލާފައެވެ. އަދި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމަށް އެ ބޭންޑުން އަހުލުވެރިވީ ގޮތުގެ އިތުރުން، މޫސުމީ ބަދަލުތަކާ ބެހޭ ގޮތުންވެސް ބީޓީއެސްގެ 7 މެންބަރުން ވަނީ ވާހަކަދައްކާފައެވެ.

ފުރާވަރު އުމުރުގެ ކުދިންނާއި ވިހީގެ އަހަރުތައް ގުނަމުންދާ ޖީލަކީ ގެއްލިފައި ވާ ޖީލެއް ނޫން ކަމަށާ، އެއީ މަރުހަބާ ކިއަނިވި ޖީލެއް ކަމަށް ބީޓީއެސްގެ މެންބަރުން ވަނީ ސިފަކޮށްފައެވެ.

މީ ކޮވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރު ކަމަށް ވާ އިރު، ބީޓީއެސްއިން ވަނީ، އެ ބޭންޑްގެ ހުރިހާ މެންބަރުންނަކީ އެ ބައްޔާ ދެކޮޅަށް ވެކްސިން ފުރިހަމަ ކޮށްފައި ވާ ބައެއް ކަން ކަށަވަރު ކޮށްދީފައެވެ.

އދގެ އާންމު މަޖިލީހުގައި ބީޓީއެސްއިން ހާއްސަ ހުށަހެޅުމެއް ހުށަހަޅާދީ، ތަގުރީރު ކޮށްފައި ވަނީ، ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިންގެ ހާއްސަ މަންދޫބުންގެ ގޮތުގައެވެ.