ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިން އެކްސްޕޯޓް ކުރުން މަޑުޖައްސާލާފައި އޮތް އޮތުމަށް ނިމުމެއް ގެނެސް، "ވެކްސިން މައިތްރީ" ކެމްޕޭން އަލުން ހިންގަން ހަމަޖެހިފައި ވާ ކަން، އިންޑިއާއިން އިއުލާން ކޮށްފިއެވެ.

ވެކްސިން އެކްސްޕޯޓް ކުރުމުގެ މަޝްރޫއު، އެ ގައުމުން އަލުން ފަށާއިރު، އެންމެ ފުރަތަމަ، ހާއްސަ އިސް ކަމެއް ދޭނީ އަވަށްޓެރި ގައުމުތަކަށް ކަމަށްވެސް އިންޑިއާއިން ވަނީ ބުނެފައެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވަޒީރު، މަންސޫހު މަންދްވިޔާ ވިދާޅުވީ، އިންޑިއާގެ ބޭނުންތައް ފުރިހަމަ ކުރުމަށްފަހު، މި އަހަރުގެ 4 ވަނަ ކުއާޓަރުގައި އެ ގައުމުން އިތުރަށް ވެކްސިން އުފައްދާނެ ކަމަށެވެ. މި އިތުރު ކުރާ ބަޔަކީ، ވެކްސިން މައިތުރީ މަޝްރޫއު ކުރިއަށް ގެންދަން ބޭނުން ކުރާނެ ބައެއް ކަމަށާ، ބައިނަލްއަގުވާމީ ކޮވިޑް ވެކްސިން ފެސިލިޓީ ނުވަތަ ކޮވެކްސްއަށް އަދާ ކޮށްދޭން ޖެހޭ ޒިންމާތައް އެހާ ހިސާބުން އަދާ ކުރަމުން ދާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ، މި ހިނގާ ސެޕްޓެމްބަރު މަހު، އިންޑިއާއިން އުފައްދާފާނީ 260 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ކަމަށެވެ. އިންޑިއާއިން ވަނީ، އެ ގައުމުގައި ވެކްސިން ޖަހާ މިންވަރުވެސް އިންތިހާ އިތުރު ކޮށްފައެވެ. އެގޮތުން، މިހާތަނަށް 808.5 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން، އެ ގައުމުގެ އެކި ހިސާބުތަކުގައި ވަނީ ޖަހާފައެވެ.

ވެކްސިން މައިތްރީ ކެމްޕޭންގެ ދަށުން އެންމެ ފުރަތަމަ ޝިޕްމަންޓްގެ ވެކްސިން ލިބުނު ގައުމަކީ ދިވެހިރާއްޖެއެވެ. ދިވެހިރާއްޖެއާއި ބޫޓާންއެވެ. ސަރަހައްދުގެ އެހެން ގައުމުތަކަށް ވެކްސިން ލިބުނީ އޭގެ ފަހުންނެވެ. އިންޑިއާގެ ވެކްސިން ޝިޕްމަންޓާއެކު، ދިވެހިރާއްޖެއިން ވަނީ ފެބުރުއަރީ 1، 2021 ވަނަ ދުވަހު، އަމަލީ ގޮތުން، ކޮވިޑް ވެކްސިން ކެމްޕޭން ފަށާފައެވެ.

އިންޑިއާގެ ވެކްސިން ކެމްޕޭންގެ ދަށުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން 95 ގައުމަކަށް މިހާތަނަށް ވެކްސިން ފޯރުކޮށްދީފައި ވެއެވެ. އިންޑިއާއިން މިހާތަނަށް 66.3698 މިލިއަން ޑޯޒްގެ ވެކްސިން ސަޕްލައި ކޮށްފައި ވާއިރު، 10.715 މިލިއަން ޑޯޒްއަކީ އެހީގެ ގޮތުގައި ފޯރުކޮށްދިން ވެކްސިން ޑޯޒްތަކެވެ. ވިޔަފާރި އުސލުން 35.792 މިލިއަން ޑޯޒްގެ ވެކްސިން ވިއްކާފައި ވާއިރު، 19.8628 މިލިއަން ޑޯޒްއަކީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ފޯރުކޮށްދިން ޑޯޒްތަކެވެ.

އިންޑިއާއިން ކޮވިޑް ވެކްސިން އެކްސްޕޯޓް ކުރުން ހުއްޓާލީ، ކޮވިޑްގެ ތޫފާނީ ރާޅެއް އިންޑިއާއަށް ބިންދާލި ހިސާބުންނެވެ.