ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުގެ ދަށުން ލޯކަލް ކައުންސިލްތައް މައިކްރޯސޮފްޓް 365 އަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށާ، ކުޅުދުއްފުށި ސިޓީ ކައުންސިލްގައި އެ ނިޒާމު ބޭނުންކުރަން ފަށައިފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މައިކްރޯސޮޕްޓް އޮފީސް 365އަށް ފުރަތަމަ ބަދަލުކުރެވުނު ކައުންސިލަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލް ކަމަށެވެ.

މައިކްރޯސޮޕްޓް އޮފީސް 365ގެ ހިދުމަތް ރޯލްއައުޓް ކުރުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރު އޮފީސްތަކުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ސަރުކާރު އިދާރާތަކުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން މައިކްރޯސޮޕްޓް އޮފީސް 365 އެންމެ ފުރަތަމަ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކަށް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

އެއަށްފަހު ސަރުކާރުގެ ވުޒާރާތަކާ، މިނިވަން މުއައްސަސާތަކަށް އެހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށާ އެކަމަށްޓަކައި ހިންގާ މަޝްރޫއުގެ ދަށުން މުޅިއެކު 20،000 ސަރުކާރު މުވައްޒަފުން، (4،200 ކައުންސިލަރުން ހިމެނޭ ގޮތަށް) މައިކްރޯސޮފްޓް 365އަށް ބަދަލުކުރެވި އަދި ބޭނުންކުރަން ދަސްކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މައިކްރޯސޮފްޓް 365 ފަދަ މުހިއްމު ހިދުމަތެއް ސަރުކާރުން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުން ދައްކުވާދެނީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އެހީގައި އާންމުންނަށް ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވާ އިސްކަމާ، ސަމާލުކަމާ އަހުމިއްޔަތުކަން ކަމަށެވެ.

އިކްރޯސޮފްޓް 365 އަކީ ސަރުކާރުގެ ޑިޖިޓަލް އޭޖެންޑާގައި ހިމެނޭ މުހިންމު މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

ސަރުކާރުގެ އޮފީސްތަކުގެ ކައުންޓަރުދޮށުގައި ކިއުގައި ނުޖެހި ސަރުކާރާ ސަރުކާރުގެ އޮފީސްތަކުން ދޭ ހިދުމަތްތައް ރައްޔިތުންނަށް ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ ސިޔާސަތަށް ކުޅުދުއްފުށީ ސިޓީ މޭޔާ އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ދޭ އެއްބާރުލުން ފާހަގަކޮށް މިނިސްޓްރީން ޝުކުރު އަދާކޮށްފައެވެ.

މިނިސްޓްރީން ބުނީ މައިކްރޯސޮފްޓް އޮފީސް 365 ކުޅުދުއްފުށި ސިޓީ ކައުންސިލަށް ރޯލްއައުޓް ކުރުމުގެ ތެރެއިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފް ކުޅުދުއްފުށީ ސިޓީކައުންސިލްގެ މެންބަރުންނާއިއެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

އޭގެ އިތުރުން ވެސް ސިޓީ ކައުންސިލްގެ ތަސައްވުރެއްކަމަށްވާ ސްމާޓް ސިޓީ ކައުންސިލަކަށް ކުޅުދުއްފުށި ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން އޮޅުންފިލުއްވި ކަމަށް މިނިސްޓްރީން ބުނެއެވެ.