އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ބައިވެރިވެގެން އެކުލަވާލާފައިވާ ދިފާއީ ސަލާމަތާ ބެހޭ "އޯކުސް" އެއްބަސްވުމުގެ ސަބަބުން ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ހޯދުމުގެ ރޭހެއް ފެށިދާނެ ކަމުގެ އިންޒާރު، އުތުރު ކޮރެއާއިން ދީފިއެވެ.

ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ކަށަވަރު ކުރުމުގެ ރޭހެއް ފެށިދާނެ ކަމުގެ އިންޒާރު ދެމުން، އުތުރު ކޮރެއާއިން ވަނީ، މި އެއްބަސްވުން ކުށްވެރިވެސް ކޮށްފައެވެ.

އުތުރު ކޮރެއާގެ ހާރިޖީ އޮފިޝަލަކު ވަނީ، "އޯކުސް" އެއްބަސްވުމަކީ، އޭޝިއާ-ޕެސިފިކް ސަރަހައްދުގެ އިސްތިރާޖީ ހަމަޖެހުން ނަގާލާނެ އެއްބަސްވުމެއް ކަމަށް ވިދާޅުވެފައެވެ.

މި އެއްބަސްވުމަކީ، ނިއުކްލިއާ ސަބްމެރީން އުފެއްދުމުގެ ފުރުސަތު، އޮސްޓްރޭލިއާއަށް ފަހި ކޮށްދެނިވި އެއްބަސްވުމެކެވެ.

އޯކުސް އެއްބަސްވުން މައިގަނޑު ގޮތެއްގައި ސިފަ ކުރެވެނީ، ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި އޮތް ޗައިނާގެ ބާރާއި ނުފޫޒު ކަނޑުވާލުމުގެ ނިޔަތުގައި އެކުލަވާލި އެއްބަސްވުމެއްގެ ގޮތުގައެވެ.

ފަރަންސޭސިވިލާތަކީވެސް މި އެއްބަސްވުމާ ދެކޮޅަށް އަޑު އުފުލަމުން އަންނަ ގައުމެކެވެ. މި އެއްބަސްވުމާ ގުޅިގެން އެމެރިކާއާއި އޮސްޓްރޭލިއާއިން ހަދަމުން ދަނީ ދޮގު ކަމަށް، ފަރަންސޭސިވިލާތުން ތުހުމަތު ކުރެއެވެ.

މި އެއްބަސްވުމަކީ ނިއުކްލިއާ ސަބްމެރީން އުފެއްދުމުގެ ބާރާއި ޓެކްނޮލޮޖީ، އޮސްޓްރޭލިއާއަށް ދޭ އެއްބަސްވުމަކަށް ވާ އިރު، އޮސްޓްރޭލިއާއާއި ފަރަންސޭސިވިލާތާ ދެމެދު ސޮއިކޮށްފައި ވާ އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި އެއްބަސްވުމެއްގެ މަސައްކަތް ހުއްޓުމަކަށް ވަނީ އައިސްފައެވެ.