މާލޭގެ ގްރީން ޒޯންގައި ހުންނަ މުލީއާގެ ކައިރިން މީހަކަށް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ މުލީއާގެ ކައިރީ މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލި ކަމުގެ މައުލޫމާތު މިރޭ 8:00 ޖަހާކަން ހާއިރު ލިބިފައިވާ ކަމަށެވެ.

އެ މާރާމާރީގައި ފިރިހެނަކަށް އަނިޔާވެފައި ވާއިރު، އެމީހާ ފުލުހުންގެ އެހީތެރިކަމާއެކު އައިޖީއެމްއެޗްއަށް ގެންގޮސް ގެންދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، މިއަދު މެންދުރު 12:08 ހާއިރު އައްޑޫ ސިޓީގެ ފްލެޓު ސަރަހައްދުގައިވެސް ތޫނު އެއްޗަކުން ހަމަލާދީ 29 އަހަރުގެ މީހެއް ޒަހަމް ކޮށްލި ހާދިސާއެއް ފުލުހުން ތަހުގީގު ކުރަމުން އެބަދެއެވެ.

އެ މީހާއަށް ލިބުނު ޒަހަމްތަކަށް ފަރުވަ ދެމުން ގެންދިޔަ ނަމަވެސް ޒަހަމްވި މީހާއަށް ލިބުނު ގެއްލުމުގެ ތަފްސީލު ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލަތަކާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.