ހަތިޔާރު އެޅޮ ހަނގުރާމަވެރި ތޯލިބާން ޖަމާއަތާއެކު އެއްވެސް ކަމެއްގައި ޝާމިލުވެ އުޅުން، މިވަގުތަށް މަޑުޖައްސާލާފައި ވާ ކަމަށް، ބައިނަލްގުވާމީ މާލީ އިދާރާ (އައިއެމްއެފް) އިން ބުނެފިއެވެ.

އެ އިދާރާއާއި އަފްގާނިސްތާނާ ދެމެދު އޮތް ގުޅުން ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައި މި ވަނީ، ތޯލިބާނުން އިސްވެ އޮވެ، އެކުލަވާލާފައި ވާ ސަރުކާރާ މެދު ބައިނަލްއަގުވާމީ މުޖުތަމައުން ސާފު މެސެޖެއް ދެން ދެކަށް ކަމަށްވެސް އައިއެމްއެފްއިން ބުނެއެވެ.

އައިއެމްއެފްއިން ވަނީ އަފްގާނިސްތާނުގެ އިގުތިސޯދީ މަސްރަހާ މެދު އިންތިހާއަށް ކަންބޮޑުވާ ކަން ފާހަގަކޮށް، އެ ގައުމު ލާ ވަށާލަމުން ދާ އިންސާނީ ކާރިސާ ހުއްޓުމަކަށް ގެނައުމަށް މިހާރުން މިހާރަށް ފިޔަވަޅުތަކެއް އެޅުމަށް، ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އައިއެމްއެފްގެ ތަރުޖަމާނު ގެރީ ރައިސް ވިދާޅުވީ، އަފްގާނިސްތާނުގެ ސަރުކާރު ބަލައިގަތުމުގައި އެ އިދާރާއަށް އިރުޝާދު ދެނީ ބައިނަލްއަގުވާމީ މުޖުތަމައުން ކަމަށާ، ނަމަވެސް އެކަން އަދި ވެފައި ނުވާ ކަމަށެވެ. އެހެން ކަމުން އަފްގާނިސްތާނުގައި އެ އިދާރާއިން ހިންގާ މަޝްރޫއުތައް މަޑުޖައްސާލާފައި ވާ ކަމަށާ، މިދިޔަ މަހު ވެސް އެ އިދާރާއިން ބުނެފައި ވާނެ ފަދައިން، އައިއެމްއެފްގެ ވަސީލަތްތައް ބޭނުން ކުރެވެން ނޯންނާނެ ކަމަށްވެސް ރައިސް ވަނީ ވިދާޅުވެފައެވެ.

ބައިނަލްއަގުވާމީ ޑޯނަރުން ވަނީ އަފްގާނިސްތާނަށް އެހީ ފޯރުކޮށްދިނުންވެސް މެދުކަނޑާލާފައެވެ. މީގެ އިތުރުން އަފްގާނިސްތާނުގައި ދިރިއުޅެމުންދާ އާންމު ފަރުދުންނަށް ބޭންކު މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ޓްރާންސެކްޝަންތައްވެސް މެދުކަނޑާލާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.