ޗައިނާގެ ތަރީހުގައިވެސް އެ ގައުމުން ކުރިއަށް ގެންދިޔަ އެންމެ ދިގު، ޖައްވީ މިޝަން ނިންމާލުމަށްފަހު، އެ ގައުމުގެ 3 ފަޅުވެރިން، އެނބުރި އަތުވެއްޖެއެވެ.

ދުނިޔޭގެ ބިމުގެ ސަތަހައިގެ، ގާތްގަނޑަކަށް 380 ކިލޯމީޓަރު އުހުގައި ގާއިމު ކޮށްފައި ވާ ޗައިނާގެ ޖައްވީ ސްޓޭޝަންގެ ޓިއަންހޭ މޮޑިއުލްގައި މި ފަޅުވެރިން ވަނީ 90 ދުވަސް ހޭދަ ކޮށްފައެވެ.

ޝެންޝޫ-12 ގެ ނަންދީފައި ވާ ޖައްވީ އުޅަނދުގައި، 3 ފަޅުވެރިން ދުނިޔޭގެ ބިމަށް ދަތުރު ފެށީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ.

ޖައްވުގައި ހޭދަ ކުރި 90 ދުވަހުގެ ތެރޭގައި 3 ފަޅުވެރިންވެސް ވަނީ ތަފާތު އެކި މަސައްކަތްތައް ފުރިހަމަ ކޮށްފައެވެ. އެގޮތުން ތަޖުރިބާތަކުގެ ތަފާސް ހިސާބުތައް ދުނިޔޭގެ ބިމަށް ފޮނުވުމާއި، ދިގު ދެމިގެންދިޔަ ޖައްވީ ހިނގާލުންތަކެއް ހިނގުން ފަދަ ކަންކަން ހިމެނޭ ކަމަށް ޗައިނާގެ ގްލޯބަލް ޓައިމްސްއާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ޗައިނާގެ ޖައްވީ ސްޓޭޝަން ފަރުމާ ކޮށްފައި ވަނީ، ކޮންމެ ފަޅުވެރިއަކަށްވެސް ވަކި ދިރިއުޅުމެއް އުޅެވޭ ފަދަ ގޮތަކަށެވެ.

ކާމިޔާބު ކަމާއެކު ޗައިނާއިން ޖައްވީ މިޝަންއެއް ނިންމާލާފައި ވާއިރު، މިއީ ޖައްވު ތެރޭގައި އާރާއި ބާރުވެރިކަން ހޯދުމަށް ގައުމުތަކުން ކުރަމުން އަންނަ ހަނގުރާމާގައި ޗައިނާއިން ހޯދި ކުރިއެރުމެއް ކަމުގައި ސިފަ ކުރެވެއެވެ.

2019 ވަނަ އަހަރުވެސް ޗައިނާއިން ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން، ޗައިނާއަކީ ހަނދުގެ އަނދިރި ފަރާތް ނުވަތަ ދުނިޔެއަށް ނުފެންނަ ފަރާތަށް، ފުރަތަމަ ފަހަރަށް ރޮބޮޓް އުޅަނދެއް ފޮނުވި ގައުމުކަން ފާހަގަ ކުރަންޖެހެއެވެ.

ޖައްވުގައި ވަކި މަރުކަޒެއް ޗައިނާއިން ގާއިމު ކުރީ، ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް)ގެ މަޝްރޫއިން ޗައިނާ ބާކީ ކުރުމާ ގުޅިގެންނެވެ. ރަޝިއާ، ކެނެޑާ، ޖަޕާން އަދި ވިލާތުގެ ގައުމުތައް ހިމެނޭހެން އައިއެސްއެސްގެ ކަންކަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ އެމެރިކާއިން ކަމުގައި ވާއިރު، މި ކަމުގައި ޗައިނާއާ އެއްވެސް ވަރެއްގެ ގުޅުމެއް ނުބާއްވައެވެ.