އަވަށްޓެރި އިންޑިއާއިން އަފްގާނިސްތާނާ މެދު ގެންގުޅޭ ސިޔާސަތު ބަދަލު ކުރަން ޖެހޭ ކަމަށް ބުނެ، ހައްގާނީ ނެޓްވޯކްގެ "ޝާހީ އާއިލާ"ގެ މެންބަރެއް ކަމަށް ވާ، އަނަސް ހައްގާނީ، އިންޑިއާ ސަރުކާރަށާއި މީޑިއާއަށް ފާޑު ކިޔައިފިއެވެ.

އިންޑިއާގެ ދުވަހު ނޫހަކަށް ދިން އިންޓަވިއުއެއްގައި އަނަސް ހައްގާނީ ވަނީ، އިންޑިއާއަކީ ތެދުވެރި، އިހުލާސްތެރި އެކުވެރިއެއް ނޫން ކަން އަފްގާނިސްތާނުގެ ރައްޔިތުންނަށް ފަހުމް ވެފައި ވާ ކަމަށް ބުނެފައެވެ.

އިންޑިއާއަކީ ވަކި ފަރާތަކަށް ޖެހިފައި ވާ ގައުމެއް ކަމަށާ، ފާއިތުވީ 20 އަހަރު ދުވަސް އެ ގައުމުން ހޭދަ ކުރީ އަލިފާނަށް ދަރުއަޅަން ކަމަށްވެސް އަނަސް ހައްގާނީ ސިފަކޮށްފައެވެ. މިހާތަނާ ޖެހުނުއިރުވެސް ސުލްހައަށްޓަކާ އިންޑިއާއިން ކުރި ކަމެއް ނެތް ކަމަށާ، އިންޑިއާގެ ދައުރަކީ "ނެގެޓިވް" ދައުރެއް ކަމަށް އޭނާ ބުނެއެވެ. އިންޑިއާ މީޑިއާއިންވެސް މިކަން ތަސްވީރު ވާ ކަމަށާ، ތޯލިބާނުން ސިފަ ކުރަމުން ދަނީ ވަރަށް ނުބައި ބައެއްގެ ގޮތުގައި ކަމަށްވެސް އަނަސް ހައްގާނީ ވަނީ ފާހަގަ ކޮށްފައެވެ.

މި ދަނޑިވަޅަކީ އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައިވާ ތޯލިބާން ޖަމާއަތުގެ ލީޑާޝިޕުގައި ހަމަނުޖެހުންތަކެއް އުފެދިގެން އުޅޭ ދަނޑިވަޅެއް ކަމަށް ހަބަރު ފެތުރިފައި ވާއިރު، އެ ކަން ދޮގު ކުރަމުން އަނަސް ހައްގާނީ ބުނީ، ތޯލިބާންގެ ލީޑާޝިޕުގައި އެފަދަ ހިލާފުތަކެއް އުފެދިފައި ނުވާ ކަމަށެވެ.

ތޯލިބާނުންގެ ލީޑާޝިޕުގައި ހަމަނުޖެހުންތަކެއް އުފެދިގެން އުޅޭ ކަމުގެ އަސްލެއް ނެތް ވާހަކަތައް ފަތުރަނީ، ކުރީގެ ރައީސް އަޝްރަފު ޣަނީއާ ގުޅުން އޮންނަ މަސްދަރުތަކަކުން ކަމަށްވެސް އަނަސް ހައްގާނީ ވަނީ ތުހުމަތު ކޮށްފައެވެ.

މި މޭރުމުން ވާހަކަ ކުރިއަށް ގެންދަމުން އަނަސް ހައްގާނީ ވަނީ، އަފްގާނިސްތާނުގައި އެންމެ އަވަހަށް އެމްބަސީ ހުޅުވާނެ ގައުމަކަށް ވާނީ، ޖަރުމަނުވިލާތަށް ވުން އެކަށީގެން ވާ ކަމަށް ބުނެފައެވެ.

ތޯލިބާނުންނަކީ ބަދަލުވެފައިވާ ބައެއް ކަމަށް އެ ޖަމާއަތުން ބުނަމުން ދާއިރު، އިންތިގާލީ ސަރުކާރުގައި އަނަސް ފަދަ ޒުވާން މެންބަރަކަށް ފުރުސަތު ނެތީ ކީއްވެތޯ މީޑިއާއިން ކުރި ސުވާލަށް ޖަވާބު ދެމުން އަނަސް ހައްގާނީ ބުނީ، ތޯލިބާނުން ބަދަލު ވެފައި ވާ ކަމަށެވެ. އަދި ވަކި މީހަކަށް ހާއްސަ ކުރަން ނުޖެހޭ ކަމަށާ، ބަދަލުތަކެއް އަންނާނެ ކަމަށެވެ. ބަދަލު ނުވާނެ އެއް ކަމެއް އޮންނާނެ ކަމަށާ، އެއީ ތޯލިބާނުންގެ ހިތުގައި ވާ ގައުމިއްޔަތުގެ ރޫހާއި އިސްލާމް ކަން ކަމަށްވެސް އަނަސް ހައްގާނީ ވަނީ ބުނެފައެވެ.

އަންހެން ޑިޕްލޮމެޓުންވެސް ތިބޭނެ ކަމަށާ، ނަމަވެސް އެންމެންވެސް އިހުތިރާމް ކުރަންޖެހޭ ވަކި ހަމަތަކަކާއި އުސޫލުތަކެއް ހުންނާނެ ކަމަށް އަނަސް ހައްގާނީ ވަނީ ފާހަގަ ކޮށްފައެވެ.

ތޯލިބާނުން އެކުލަވާލި އިންތިގާލީ ސަރުކާރުން، ހައްގާނީ ނެޓްވޯކަށް ފުރުސަތު ދީފައި ވެއެވެ.