ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އައްޑޫ ސިޓީއިން ފުލުހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި މިރޭ ގާތްގަނޑަކަށް 11:09 ހާއިރު ހައްޔަރު ކޮށްފައި ވަނީ 34 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ފުލުހެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

މި މައްސަލަ ފެމިލީ ފެމިލީ ޕްރޮޓެކްޝަން އެޖެންސީ (އެފްސީޕީއޭ) އާއި ފުލުހުން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.

ކުޑަކުއްޖަކަށް ފުލުހަކު ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ، އެފަދަ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެސް އަދަބު ދިނުމަށް ގޮވާލާ އައްޑޫސިޓީގައި އާންމުން ވަނީ މިއަދު ވަރުގަދަ އިހުތިޖާޖެއްވެސް ކޮށްފައެވެ. އަދި އިހުތިޖާޖު ހޫނުވެ ފުލުހުން ބާރުގެ ބޭނުންވެސް ކޮށްފައި ވެއެވެ.

އިހުތިޖާޖު ރޫޅާލުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ބޭނުން ކޮށްފައެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުން ފުލުހުން ވަނީ އިހުތިޖާޖުގައި ބައިވެރިވި މީހުންގެ ގައިގައި މުގުރުންވެސް ތަޅާފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އައްޑޫ ސިޓީގައި މިއަދު ކުރި އިހުތިޖާޖުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކުރުމާ ގުޅިގެން ފުލުހުން ބާރުގެ ބޭނުން ކުރިކަމަށެވެ. އެގޮތުން އެތަނުގައި އެއްވެ ތިބި މީހުން ދުރަށް ޖެއްސުމުގެ ގޮތުން ފުލުހުން ޕެޕާ ސްޕްރޭ ބޭނުން ކޮށްފައި ވާ ކަމަށް ވެސް ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އައްޑޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވިފައި ވަނީ އައްޑޫ ސިޓީ ހިތަދޫ ފޮރެންސިކް ޑިޕާޓްމެންޓުގައި މަސައްކަތް ކުރަމުން ދާ ފުލުހަކަށެވެ.