ރަށްރަށުގެ ބިމުގެ މައްސަލަތަކުގައި އެ ރަށްރަށުގެ ކައުންސިލްތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލް ނުކުރެވޭނެ ކަމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
މިއަދު އެޓާނީ ޖެނެރަލް އޮފީހުން ބުނީ، ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބަންޑާރަ ބިންތަކާ ގުޅޭ މައްސަލަތަކުގައި ގާނޫނީ ލަފާ ދިނުމާއި ޝަރީއަތުގައި ތަމްސީލު ކުރުމަކީ ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ދިވެހިރާއްޖޭގެ ހައި ކޯޓުން ކަނޑައަޅާފައި ވާ ބައި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައި ކަމަށެވެ. އަދި ހައި ކޯޓުން އެގޮތަށް ކަނޑައެޅި ބައި ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް މިއަދު ވާނީ އެދިފައި ކަމަށް އޭޖީން ބުނެއެވެ.
ރަށްރަށުގެ ބިމުގެ މައްސަލަތަކުގައި ކައުންސިލްތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލް ނުކުރެވޭނެ ކަމަށް ހައިކޯޓުން ހުކުމް ކުރީ މިމަހުގެ ނުވަވަނަ ދުވަހު އދ. ފެންފުށީގެ ބިމެއްގެ މައްސަލާގައި އެ ރަށު ކައުންސިލާ ދެކޮޅަށް ރައްޔިތަކު ހުށަހެޅި މައްސަލައެއްގައެވެ.
އެ މައްސަލައާ ގުޅިގެން ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ގާނޫނު އަސާސީގައި ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ބިން މިލްކު ވަނީ ދިވެހި ދައުލަތަށް ކަމަށެވެ. އެހެންކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން މެނުވީ ބަންޑާރަ ބިމުގެ މައްސަލަތަކުގައި ކައުންސިލް ތަކަށް ދައުލަތް ތަމްސީލު ކުރެވިދާނެ ކަމަށް ބުރަ ނުވެވޭ ކަމަށެވެ.
މައްސަލައިގައި ޖަވާބުދާރީ ވާން ފެންފުށި ކައުންސިލަށް އެންގުމުން އެ ކައުންސިލުން ބުނެފައި ވަނީ ވަކީލަކު ނެތް ކަމަށެވެ. އެހެންކަމުން ކައުންސިލްގެ ފަރާތުން ޖަވާބުދާރީ ވާނީ އެޓާނީ ޖެނެރަލް ކަމަށެވެ. އެގޮތަށް ކައުންސިލުން އެންގުމުން ހައިކޯޓުން ވަނީ މި މައްސަލައިގައި ޖަވާބުދާރީ ވާން އޭޖީ އޮފީހަށް އަންގާފައެވެ.
މި ކަމާ ގުޅިގެން އޭޖީ އޮފީހުން ބުނެފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ރަށު ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ގާނޫނީ ސަހުސިއްޔަތެއް ކަމަށެވެ. އެހެންކަމުން މި މައްސަލަައިގައި އޭޖީން ވަކާލާތު ކުރަން ނުފެންނަ ކަމަށް އެ އޮފީހުން ބުނެފައި ވެއެވެ.
އެހެންކަމުން ފެންފުށީ ބަންޑާރަ ގޯއްޗާ ގުޅޭ ގޮތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ މި މައްސަލައަކީ ރައްޔިތެއްގެ ފަރާތުން އެ ކޯޓަށް އިސްތިއުނާފު ކޮށްފައިވާ މައްސަލައަކަށް ވެފައި، ދައުލަތް ތަމްސީލު ކުރާނެ ފަރާތެއް ނެތިގެން އެ މައްސަލަ ކޯޓުން ބޭރުވެގެން ނުދާނެ ކަމަށެވެ. އަދި އޭޖީން ވަކާލަތު ކުރަން ނުފެންނަ ކަމަށް ބުނެ ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި ދައުލަތުގެ އާންމު މަސްލަަހަތު ހިމެނޭ މިބާވަތުގެ މައްސަލަތަކުގައި ބަންޑާރަ ނައިބާއި ކައުންސިލްތަކާ ދެމެދުގައި އޮންނަން ޖެހޭ އިދާރީ ގުޅުން ތަންޒީމު ކުރުމަކީ ދެ މުއައްސަސާގެ ދެމެދުގައި ހަމަޖައްސަން ޖެހޭ ކަމެއް ކަމަށް އެ ހުކުމްގައި ބުނެފައި ވެއެވެ.
ތިޔަކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ޤާނޫނު އަސާސީގައި ވޭ!