އިންތިހާއަށް ދަރަނިވެރިވެ އިނދަޖެހިފައި ވާ އިންޑިއާގެ ގައުމީ އެއާލައިން، "އެއާ އިންޑިއާ" ގަތުމަށް ބިޑް ކޮށްފައި ވާ ކަން، އިންޑިއާގެ އެންމެ ވަރުގަދަ ވިޔަފާރިތަކުގެ ތެރޭގައި ގުނަލެވޭ ޓާޓާ ގުރޫޕުން ކަށަވަރު ކޮށްދީފިއެވެ.

އިންޑިއާގެ ސަރުކާރަށް، ގައުމީ އެއާލައިންގެ ގޮތުގައި އެއާ އިންޑިއާ ނެގުމުގެކުރިން، އެ އެއާލައިންގެ މިލްކުވެރި ފަރާތަކީވެސް ޓާޓާ ގުރޫޕެވެ.

މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފައި ވާ އެއާ އިންޑިއާގެ 100 ޕަސެންޓް ހިއްސާ ވިއްކާލުމަށް އިންޑިއާ ސަރުކާރުން މީގެ ކުރިން ކުރި މަސައްކަތްތައް ފެއިލް ވެފައި ވާއިރު، އެންމެ ފަހުން ހުޅުވާލި ފުރުސަތު ބަންދުވީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

މީގެ ކުރިން އެއްވެސް ބަޔަކު ޝައުގުވެރިކަން ފާޅު ކޮށްފައި ނުވި ނަމަވެސް، ޓާޓާ ގުރޫޕުން މިފަހަރު ބިޑް ކޮށްފައި ވާ ކަން، އެގުރޫޕުގެ ތަރުޖަމާނަކު ވަނީ އޭއެފްޕީއަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ޓާޓާ ގުރޫޕުން މިހާރުވެސް ވަނީ އެއާ އޭޝިއާ އަދި ވިސްޓޭރާ އެއާލައިންސްގައި އިންވެސްޓް ކޮށްފައެވެ.

އިންޑިއާގެ ދުވަހު ނޫހެއް ކަމަށް ވާ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، އެ ގައުމުގެ ބަޖެޓް ކެރިއާ، ސްޕައިސްޖެޓުގެ އަޖޭ ސިންހްވެސް ވަނީ އެއާ އިންޑިއާ ގަތުމަށް، އަމިއްލަ ހައިސިއްޔަތުން ބިޑް ކޮށްފައެވެ.

މިކަމާ ބެހޭ ސްޕައިސްޖެޓުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް، އިންޑިއާ ސަރުކާރުގެ އިންވެސްޓްމަންޓް އެންޑް ޕަބްލިކް އެސެޓް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ސެކްރެޓަރީ، ތުހިން ކަންޓާ ޕާންޑޭ ވަނީ، ބިޑްތައް ލިބިފައި ވާ ކަން ކަށަވަރު ކޮށްދެއްވާފައެވެ.

އިންޑިއާގައި ވިޔަފާރި އުސޫލުން ވައިގެ އުދުހުންތައް އޮޕަރޭޓް ކުރަން ފެށި ބަޔަކީ ޓާޓާ ގުރޫޕެވެ. އެއީ 1932 ވަނަ އަހަރު، ޓާޓާ އެއާލައިންސްގެ ނަމުގައެވެ.