ރެއިން ސުރެ ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ ފިރިހެން ކުއްޖަކު ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ 14 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓު ކުރި ކަމަށާއި ރިޕޯޓު ކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކުއްޖާ ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ފެނުނު އިރު އެކުއްޖާގެ ހާލު ރަނގަޅު ކަމަށާ އަދި އެއް ވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުން 14 އަހަރުގެ ކުއްޖާ ބަޔަކު މީހުން ރަހީނު ކުރީއެވެ. އަދި ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށާއި ފުލުހުން މައްސަލަ ބަލަނީ ރަހީނު ކުރި މައްސަލައެއްގެ ގޮތުގައި ކަމަށެވެ.
14 އަހަރުގެ ކުޑަކުއްޖާ އަކީ ރަހީނުކޮށް އަނިޔާކޮށް މަރާލުމަށް ފަހު ހުޅުމާލެ ފަޅުތެރެއަށް މީގެ ދުވަސްކޮޅެއް އެއްލާލާފައި އޮތް 13 އަހަރުގެ ކުއްޖާގެ މައްސަލައާ ގުޅިގެން ތަހުގީގަށް ބަޔާނެއް ދިން ކުޑަކުއްޖެއް ކަމަށްވެސް މީސްމީޑިއާގައި ބުނެއެވެ. ފުލުހުން މިވާހަކަ ޔަގީން ކޮށްދީފައެއް ނުވެއެވެ.