އިއްޔެއިން ފެށިގެން ގޭބިސީތަކުން ކުނިނަގަން ބަދަލުކުރި ނަމަވެސް ވެމްކޯ ގައި ރަޖިސްޓާ ކޮށްފައި ހުރި ބައެއް ގޭގެއަށް ކުނި ނަގަން ނުވަންނަ މައްސަލަ ފެންމަތިވެއްޖެއެވެ.

ވެމްކޯއިން ވަނީ އިއްޔެއިން ފެށިގެން މާލެ ސަރަހައްދުގައި ވެމްކޯގައި ރަޖިސްޓަރީ ކޮށްފައިވާ ގެތަކުގެ ވަކިވަކި ޕްލޯތަކަށް އަރައިގެން ކުނި ނަގަން ނިންމާފައެވެ.

މި ބަދަލާއެކު، ގޭގެއިން މަގުމައްޗަށް ކުނި ނުނެރެން އޮތީ އަންގާފައެވެ.

މިގޮތަށް ބަދަލު ގެނެސްފައިވީ ނަމަވެސް ރަޖިސްޓާ ކޮށްފައިވާ ބައެއް ގެތަކުގެ ވަކިވަކި ޕްލޯތަކަށް އަރައިގެން ކުނި ނަގާފައި ނުވާ މައްސަލަ މިވަނީ ފެންމަތިވެފައެވެ. އެގޮތުން ގިނަ ގެތަކުގައި މިފަދަ މައްސަލަ ދިމާވެފައިވާ ކަން ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފައެވެ.

ގޭގެއިން މަގުމައްޗަށް ކުނި ނެރެފައި / ފޮޓޯ: ދަ ޕްރެސް

އިއްޔެ އުކާލަން ނެރެފައިވާ ކުނިތައް އަދިވެސް ހުރީ ހަމަ އެތަނުގައެވެ. ގެތަކުން ކުނި ނުނެގުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ކުނި ކޮތަޅުތައް މަގުމައްޗަށް ނެރެފައެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވެމްކޯ އިން މީޑިއާ އޮފިޝަލް ވިދާޅުވީ އެކަން ބަލަމުންދާ ކަމަށާ އަދި ކުނި ނުނެގި ހުރި ސަރަހައްދުތައް ބަލަމުންދާ ކަމަށެވެ.

ގޭގެއިން މަގުމައްޗަށް ކުނި ނެރެފައި / ފޮޓޯ: ދަ ޕްރެސް

އެކަމާ ގުޅިގެން ވެމްކޯގެ އެމްޑީ އާދަމް ޝަރީފު ވިދާޅުވީ ކުނި މަގުމައްޗަށް ނެރުމަކީ މަނާ ކަމެއް ކަމަށާ މަގުމަތިން ވެމްކޯއިން ކުނި ނުނަގާނެ ކަމަށެވެ. އަދި ކުނި ނަގާނީ ހިދުމަތަށް ރަޖިސްޓްރީކޮށް ފައިސާ ދެއްކުމުން އެޕާޓްމަންޓް ދޮރުމަތިން ކަމަށާ އެކަން އެތައް ފަހަރަކު ހަނދާން ކޮށްދީފައިވާ ކަމަށެވެ.

ގޭގެއިން މަގުމައްޗަށް ކުނި ނެރެފައި / ފޮޓޯ: ދަ ޕްރެސް

ކުނި ނެގުމަށް ގެނައި ބަދަލާ އެކު މާލޭގެ އެކި މަގުތަކަށް ރެއިން ސުރެ ނެރެފައި ހުރި ކުނިތައް ނެގުމާ ގުޅޭގޮތުން ހަމަޖައްސާނެ އިންތިޒާމަކާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ ބަހެއް އަދި ނުލިބެއެވެ.

ގޭގެއިން މަގުމައްޗަށް ކުނި ނެރެފައި / ފޮޓޯ: ދަ ޕްރެސް

ވެމްކޯ އިން ވަނީ، އެ ކުންފުނީގައި ރަޖިސްޓާ ވާން ޖެހޭ ގޮތް މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ބަދަލުކޮށް، މިހާރު ރަޖިސްޓާ ކުރެވޭނީ ގޭގެ ވެރިފަރާތުގެ ނަމުގައި ކަމަށް ނިންމާފައެވެ. މިގޮތަށް ނިންމި ނަމަވެސް ކުރިން ރަޖިސްޓާ ކޮށްފައިވާ ގޭބިސީތަކުން އަލުން ރަޖިސްޓާ ކުރަން ނުޖެހޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކުރިން ރަޖިސްޓާ ކޮށްފައިވާ ގެތަކުގެ ތެރެއިން ފީ ނުދައްކާ ގެތަކަށް ހިދުމަތް ދޭނީ ފާއިތުވެދިޔަ ތިން މަސް ފިޔަވައި އެހެން ހުރިހާ މަހެއްގެ ފީ ދައްކައި ހަލާސް ކުރުމުން ކަމަށް އެ ކުންފުނިން ބުނެއެވެ.

މާލެ ސަރަހައްދުގައި ކުނި ނެގުމުގެ ހިދުމަތް ދޭން ނިންމާފައި ވާ ގޮތަށް ބަލާއިރު، މާލޭގައި އިރުއޮއްސި 18:00 އިން ރޭގަނޑު 23:00 އަށް ކުނި ނެގުމުގެ ހިދުމަތް ދޭއިރު، ވިލިމާލެ އާއި ހުޅުމާލޭގައި މި ހިދުމަތް ދޭނީ ރޭގނަޑު 20:00 އިން 23:00 އަށެވެ.

ވެމްކޯގެ ސައިޓަށް ކުނި އުކާލަން ދޫކޮށްފައިވާ "ޑީ ކާޑު" ގެ ހިދުމަތް ވެސް އިއްޔެ އިން ފެށިގެން މެދުކަނޑާލާނެއެވެ. މިއީ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިތުރަށް ތަރައްގީ ކުރުމަށް ސައިޓުގެ ބޮޑު ބައެއް ބަންދު ކުރާތީ އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ. "ޑީ ކާޑު" ގެންގުޅޭ ކަސްޓަމަރުން ކުނި އުކާލުމުގެ ހިދުމަތަށް ރަޖިސްޓާ ވާން އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.