އެމެރިކާގެ ސިފައިން އަފްގާނިސްތާނުން ފައިބައިގެން ދިޔައިރު ސަތޭކަ ފަންސާހަށް ވުރެ ގިނަ ކުއްތާ ދޫކޮށްފައި ދިޔަކަމަށް ޖަނަވާރުގެ ހައްގުތައް ދިފާއުކުރުމަށް މަސައްކަތް ކުރާ ގުރޫޕުތަކުން ތުހުމަތު ކުރަމުން އެބަދެއެވެ. ނަމަވެސް އެމެރިކާގެ ދިފާއީ ބާރުތަކާބެހޭ ވުޒާރާއިން ބުނެފައި ވަނީ އެމެރިކާގެ އެއްވެސް ކުއްތާއެއް އެތަނަށް ދޫކޮށްފައި ނުވާނެ ކަމަށާއި އެމީހުން ގެންގުޅުނު ހުރިހާ ކުއްތާތަކެއް އަނބުރާ ގެންގޮސްފައި ވާނެކަމަށެވެ.
ކާބުލްގެ އެއާޕޯޓުގައި ކޮށިތަކެއްގައި ބަންދުކޮށްފައި ވާ މި ކުއްތާތަކުގެ ފޮޓޯ މީސްމީޑިއާގައި ދައުރުވުމުގެ ސަބަބުން އެމެރިކާ ސަރުކާރަށް ވަރަށް ގިނަ މީހުންގެ ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ކުއްތާތަކަށް އެކަށީގެންވާ ވަރަށް ކާއެއްޗެހިވެސް އަޅާފައި ނުވާކަމާއި އެ ކުއްތާތައް ބަލަހައްޓަން މަސަތްކަތް ކޮށްފައި ނުވާކަންވެސް ފެނިގެން ދެއެވެ.
އެމެރިކާގެ ދާހިލީ ކަންކަމާ ބެހޭ ވުޒާރާގެ ތަރުޖަމާނު އެރިކް ޕެއޮން ނެރުއްވި ނޫސްބަޔާނެއްގައި ވަނީ އެމެރިކާ ސިފައިންގެ އެއްވެސް ކުއްތާއެއް ކާބުލްގެ އެއާޕޯޓަށް ދޫކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފަވެއެވެ. އަދި މިހާރު އެތާނގައި ތިބީ އެމެރިކާއިން ބެލެހެއްޓި ކުއްތާ ނޫންކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.
މީގެއިތުރުން އެރިކު ވިދާޅުވެފައި ވަނީ ބައެއް ޖަމިއްޔާތަކުންނާއި ޑިޕްލޮމެޓުން އެ ޖަނަވާރުތައް އަފްގާނިސްތާނުން ބޭރުކުރުމަށް އެމެރިކާގެ އެހީއަށް އެދިފައިވާ ކަމަށާއި ނަމަވެސް ހުރިހާ ޖަނަވާރުތައް ނުގެންދެވުނީ މީހުން ގެންދިއުމަށް އިސްކަންދިނުމުން ކަމަށެވެ.
ކުއްތާތައް މިގޮތައް ދޫކުރުމުން އެއީ އެ އެއްޗެހީގެ ހައްގުތައް ނިގުޅައިގަނެވެނީ ކަމަށް ވަރަށް ގިނަމީހުން ބުނެފައި ވެއެވެ. މިއީ އެމެރިކާއިން ކޮށްފައިވާ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށްވެސް ބުނެއެވެ.