ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އިމާރާތްކުރަން އިސްލާމިކް މިނިސްޓްރީން ބަޔަކާ ހަވާލުކޮށް، އެ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތްތައް މިއަދު ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 450 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް އިމާރާތްކުރަން މިއަދު ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 80 ދުވަހުގެ ތެރޭ ނިންމާ ގޮތަށް، ދައުލަތުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ އަށެވެ.

އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. އަދި ޔެސް މޯލްޑިވްސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުލާމް ޔޫސުފް އެވެ.

އެ މިސްކިތް އިމާރާތް ކުރާ ބިމުގައި ފަހުން ދާއިމީ މިސްކިތެއް އިމާރާތް ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހު "ދަ ޕްރެސް" އަށް ވިދާޅުވީ އަމިއްލަ ފަރާތަކުންވެސް ދެވަނަ ފިޔަވަހީގައި އިމާރާތްކުރި މިސްކިތުގެ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށާއި، އިތުރު ދެ ފަރާތަކަށްވެސް ދެވަނަ ފޭސް ގައި ދެ މިސްކިތެއް އިމާރާތްކުރުމުގެ ހުއްދަ ދިނުމުގައި މިހާރު ވާކަމަށެވެ.