ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ 6 ވަނަ ދަވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައި ވާ، މ. ކުދެހިގޭ އިސްހާގާއި، ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.

އެ ދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ މުއްދަތު ޖަހާފައި ވާއިރު، އިސްހާގުގެ ބަންދަށް ވަނީ އިތުރު 10 ދުވަސް ޖަހާފައެވެ. ފަހުމީގެ ބަންދު އިތުރުކޮށްފައި ވަނީ 15 ދުވަހަށެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައެވެ.

ޕީޖީން ވަނީ މި މަހުގެ 13 ވަނަ ދުވަހު 3 މީހުންގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި އިސްހާގާއި ފަހުމީ ހިމެނޭއިރު އިތުރަށް ހިމެނެނީ އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމެވެ.

އޭގެ ތެރޭގައި ދެން ހިމެނެނީ ބޮން ގޮއްވާލަން ރިމޯޓަށް ފިއްތިކަމަށް ތުހުމަތުވާ އަދުހަމް އަހުމަދު ރަޝީދު (26) ހިޔާ، ވ. ތިނަދޫ، މުޖާޒު އަހުމަދު (21) މއ. ފޭރުގެ، ތަހުމީން އަހުމަދު (32) ގއ. ކޮނޑޭ، ފޮޅޭމާ، އަހްމަދު ފާތިހު (23) ލ. ގަން، ދުންފިނިއުފާއެވެ.

ފަހުމީ އަލީގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވި ކުށުގެ ދައުވާއެވެ. އަދި އިސްހާގުގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލާފައެވެ. އެއީ ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާއެވެ. އިސްހާގަކީ ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހުރި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެ ހަމަލާ އަށް ތައްޔާރުކުރި މީހާ ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގެ އަޑުއެހުމެއް މިމަހު 20 ވަނަ ދުވަހުގެ މެންދުރު ފަހަށް ތާވަލުކޮށް ޗިޓު ކްރިމިނަލް ކޯޓުން މިހާރު ވަނީ ފޮނުވާފައެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން ނީލޯފަރު ހިނގުމުން ހިންގަވައި، މަޖީދީ މަގުގައި ހުންނެވި އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް ގޮއްވާލީ ކަންމަތީގައި ޕާކްކޮށްފައިވާ ސައިކަލެއްގައި ހަރުކޮށްފައި އިން އައިއީޑީއެކެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވި ކަމަށާއި އަވަސް ފަރުވާ ނުދެވުނު ނަމަ ނަޝީދުގެ ފުރާނަފުޅު ސަލާމަތް ނުކުރެވުނީސް ކަމަށް އެންމެ ފުރަތަމަ ފަރުވާ ދިން އޭޑީކޭގެ ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. މިޙާރު ނަޝީދު އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދަވާއިރު، އެމަނިކުފާނު ވިދާޅުވެފައި ވަނީ އެހަމަލާގެ ސަބަބުން ލިބިވަޑައިގެންނެވި އަނިޔާގެ ސަބަބުން ކަނާއަތްޕުޅުގެ 3 އިންގިއްޔެއްގެ އައްސިކަން ހުންނަ ކަމަށެވެ.