"މެޓް ގާލާ 2021" ގެ ރެޑް ކާޕެޓްގައި ކަޅު ހެދުމުން ޖަރީވެގެން ނުކުތް އެމެރިކާގެ މަޝްހޫރު ރިއާލިޓީ ސްޓާ ކިމް ކާޑޭޝިއަން ލައިގެން ދިޔަ ހެދުމަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓިފައި މިވަނީ އެއީ ހަމައެކަނި ކިމް ކާޑޭޝިއަންއަށް ވީމައެއް ނޫނެއެވެ. ކިމް އަކީ ފެޝަންގެ ދުނިޔޭގައި ހެދުން އެޅުމުގައި ތަފާތު ސްޓައިލް ދައްކާ ސްޓާރެއް ކަމުގައި ވީ ނަމަވެސް ކިމްގެ މި ފެނިލުމުގައި އެހެން ފަހަރުތަކާ އަޅާ ބަލާއިރު ތަފާތު ކަން އެންމެން ވެސް ގަބޫލު ކުރާނެއެވެ.

ފެޝަންގެ ދުނިޔޭގައި ހާމަކަން ބޮޑުކޮށް ހަށިގަނޑުގެ ވަނާތައް ދައްކަމުން އައި ކިމް މި ފަހަރު ލާފައި ވަނީ ކަޅު ހެދުމެކެވެ. އެ ހެދުން ހާއްސަ ވެފައި ވަނީ އެ ހެދުމާއެކު އޭނާ ލާފައިވާ ބޮޑީ ޝޫޓުން އޭނާގެ އަތާއި ފައި އަދި މޫނުވެސް ނިވާ ކޮށްފައި ވާތީއެވެ. ގައިގެ ހަންގަނޑުން އެންމެ ތަންކޮޅެއް ވެސް ފެންނާކަށް ނެތެވެ. ހަމައެކަނި ފެންނަން އޮތީ އޭނާގެ ދިގު ފަން އިސްތަށިގަނޑެވެ. އެ އިސްތަށިގަނޑު ވަނީ މައްޗަށް އައްސާ އެއްކޮށް ދޫކޮށްލާފައެވެ.

ކިމް ކާޑޭޝިއަންގެ މެޓް ގާލާ ގެ ރެޑް ކާޕެޓްގައި

ކަޅު ބޮޑީ ޝޫޓާ އެކު އޭގެ މަތިން އޭނާ ވަނީ ގަޔަށް ދޫކޮށް ހުންނަ މިނީ ޓީޝާޓް ހެދުމެއް ލާފައެވެ. ކަކުލުން މައްޗަށް ހުރި އެ ޓީޝާޓް ހެދުމުގެ ފަހަތުން އަޑިން ލާފައި ބޮޑީ ޝޫޓާ ގުޅުވާފައިވާ ދެ ފޮތިގަނޑެއް ފަސްބައެއް ހެން އޭނާ ހިނގާފައި ދާ އިރު ބިންމަތީ ކޭއްތޭ ގޮތަށް ވަނީ ދޫކޮށްލާފައެވެ. އޭނާ މި ހެދުމާއެކު އަރައިގެން ހުރީ ހައި ހީލްސް ބޫޓަކަށެވެ. އެ ބޫޓު ވެސް ވަނީ ލައިގެން ހުރި ބޮޑީ ޝޫޓުން ނިވާ ކޮށްފައެވެ.

ކިމްގެ ހަށިގަނޑުން އެއްވެސް ގަހަނާއެއް ފެންނާކަށް ނެތެވެ. މުޅި މީހާ ފެންނަނީ ކަޅު ކުލައިން ޖަރީ ވެފައި ހުއްޓައެވެ. އެތައް ބަޔަކު ކިމް ފެންނަނީ "ކަޅު އަވާމެންދުރެއް" ގޮތުގައި ސިފަކުރާ އިރު މިއީ ކަޅު ކުލައަށް ލޯބި ކުރާ އެތައް ބައެއްގެ ހިތަށް އުފާވެރިކަން ގެނުވި އަދި އެ ބަޔަކު ވަރަށް ގަޔާވާ ހެދުމަކަށް ވަނީ ވެފައެވެ.

ކިމް ކާޑޭޝިއަން މެޓް ގާލާގައި ލީ ހެދުން ދައްކާލަން އިންސްޓާގްރާމް ކޮށްފައިވާ ފޮޓޯ

އަދުގެ ދުނިޔޭގައި ސޯޝަލް މީޑިއާގައި މީމް އެއް ޝެއާކޮށް ނުލާ ބަޔަކު މަދުވާނެއެވެ. އަމިއްލަ ހިޔާލާ އެއްގޮތްވާ ކަންކަމާއި ނުވަތަ ފަހުގެ ކަމަކާ ގުޅުވާލާފައި ޖޯކް ޖަހަން މީ މާ ފޯރިއެއް އަރުވާފައި ސޯޝަލް މިޑިއާގައި ސަމާސާއަށް ކޮށް އުޅޭ ކަމެކެވެ. އިއްޔެއާއި މިއަދު ސޯޝަލް މިޑިއާގައި އާންމުން ޝެއާ ކުރާ މީމްތަކުގެ ތެރެއިން ކުރި ހޯދާފައި މި ވަނީ "މެޓް ގާލާ 2021" ގެ ރެޑް ކާޕެޓްގައި ކަޅު ހެދުމުން ޖަރީވެގެން ނުކުތް ކިމްގެ ފޮޓޯތަކެވެ. ބައެއް މީމް ތަކުގައި ކިމް އެކަނި ފެންނަ ހުއްޓަސް އަނެއްބައި މީމް ތަކުގައި އޭނާއާއި އޭނާގެ ބައިވެރިޔާ ކާންޔޭ ވެސްޓް ވެސް ހިމެނޭ ފޮޓޯތައް އަންނަނީ ދައުރުވަމުންނެވެ. ޚާންޔޭވެސް ލާފައި ވަނީ މުޅިން ކަޅު ހެދުމެކެވެ. އަދި ކާންޔޭގެ މޫނުވެސް ވަނީ އެއްކޮށް ނިވާކޮށްފައެވެ.

ކިމް ކާޑޭޝިއަންގެ މީމްތަކެއް

ފޮޓޯތައް ޝެއާ ކުރާ މީހުން ބުނާ ގޮތުގައި ތަނަކަށް ދާން ބޭނުން ނުވެ ތިމާ މީހާ ހިޔަނި ފޮނުވާ ނަމަ ދާނީ މިހެންނެވެ. އަނެއް ބައި މީމްތަކުގައި ބުނާ ގޮތުގައި ތިމާއާއި ތިމާގެ ބައިވެރިޔާގެ ފޮޓޯ އާންމު ކުރާއިރު ބައިވެރިޔާ ސިއްރު ކުރާނަމަ މީ ލާން ކަމުދާ ހެދުމެއް ކަމަށެވެ.

މީގެ އިތުރުން ވެސް ކިމްގެ މި ހެދުމަށް ތައުރީފް ކުރާ ބައެއް މީހުން ބުނާ ގޮތުގައި މި ހެދުމަކީ ކޮވިޑްގެ މި ހާލަތާ ގުޅުވާ ރީތި ހެދުމެކެވެ. މާސްކް އަޅަން ވެސް ނުޖެހޭނެ ގޮތަށް ފަރުމާ ކޮށްފައިވާ މިހެދުމަކީ ވަރަށް ހިތްގައިމު ހެދުމެއް ކަމަށް މީހުން ބުނެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ނިއުޔޯކް ސިޓީގައި، ކިމް ކާޑޭޝިއަން މޫނު ނިވާކޮށް ހެދުން އަޅައިގެން ހުރި ފޮޓޯ

މެޓް ގާލާ އަށް ކިމް މޫނު ނިވާކޮށްގެން ކަޅު ހެދުމެއް އަޅާފައިވާ އިރު މިދިޔަ ހޮނިހިރު ދުވަހު ވެސް މޫނާއި ލޯ ނިވާކޮށްގެން ހެދުމެއް އަޅައިގެން އޭނާ ހުރި ފޮޓޯތަކެއް ވަނީ ދައުރުވެފައެވެ. އެދުވަހު އޭނާ ލެދާ ދިގު ކޯޓެއް ލާފައި ވާއިރު އެއާއެކު އޭނާ އަރާފައި ވަނީ ކަކުލުން މައްޗަށް ހުންނަ އުސް ބޫޓަކަށެވެ. އެނާ ލައިގެން ހުރި ހެދުމާ ގުޅޭ ގޮތަށް އަންގިއެއް ލާފައިވާ އިރު އޭނާ އަޅާފައިވާ މާސްކުން މޫނު ލޮލާއެކު ވަނީ ނިވާވެފައެވެ.

މި ފަހަކަށް އައި މޫނާއި އަތާއި ފައި ނިވާކޮށްގެން ކިމް ހެދުން އަޅާ ސަބަބެއް އޭނާގެ ޑިޒައިނަރު އަދި ކިމް ވެސް ހާމަކޮށްފައެއް ނުވެއެވެ. ކިމް މިގޮތަށް ހެދުން އަޅާތީ އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އެއްބަޔަކު ބުނާ ގޮތުގައި މިގޮތަށް ހެދުން އަޅާ ނަމަ ގަހަނާ އަށާއި މޭކަޕަށް ކުރާ ހަރަދު ބޮޑުތަނުން ދަށަށް ދާނެއެވެ.