ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހްމަދު އަޝްރަފް (ޝުމްބާ) ސްރީލަންކާގައި ހުއްޓާ، ރަހީނުކޮށްގެން މާލެ ގެނައި ކަމަށް ބުނާ މައްސަލަ ބަލައި ދިނުމަށް އެދި އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފިއެވެ.

އޭނާގެ ފަރާތުން މި މައްސަލަ އިންގާލީ އޮފީހަށް ހުށަހަޅާފައި ވަނީ، ގާނޫނީ ވަކީލު މުހުތާޒް މުހުސިނެވެ. މުހުތާޒް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ހުއްޓާ ގާނޫނާ ހިލާފަށް ހައްޔަރުކޮށް، ރާއްޖެގެނެސް ބަންދުގައި ބަހައްޓައިގެން ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ދިން މައްސަލަ ބަލައި ދިނުމަށް އެދި އިންތިގާލީ އޮފީހަށް މިހާރު ހުށަހަޅާފައި ވާނެ ކަމަށެވެ.

މި މައްސަލައިގައި ޝުމްބާ އެދިފައި ވަނީ އޭނާގެ އިންސާނީ ހައްގުތަކާއި ކަރާމަތަށް އަރައިގެންފައި ވާތީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އޭނާއަށް އަނިޔާ ކުރި މީހުންނައި އެކަމުގައި ބައިވެރިވެފައި ވާ ކަަމަށް ފާހަގަ ވެފައިވާ މީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާ ދައުވާކޮށް ދިނުމަށެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލަން "ފިނިފެންމާ" ލޯންޗުގައި ބޮން ގޮއްވުމާ ގުޅިގެން ފެށި ތަހުގީގުގައި ސްރީލަންކާއިން ހައްޔަރު ކުރި ޝުމްބާ ހައްޔަރުކުރީ ބައިނަލްއަގްވާމީ އުސޫލުތަކާ ހިލާފަށް ކަމަށް އޭރު ބުންޏެވެ.

ޝުމްބާ ހައްޔަރުކޮށްގެން މާލެ ގެނެސް އޭނާގެ މައްޗަށް ބިރުދެއްކުމުގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން އަހަރަކަށް ވުރެ ގިނަ ދުވަސް ޖަލުގައި ބެހެއްޓިއެވެ. އެއަށްފަހު، އޭނާ ގޭބަންދަށް ބަދަލުކުރީ 2017 ވަނަ އަހަރުގެ މާޗް އެއްވަނަ ދުވަހެވެ. ޝުމްބާ ގޭ ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުއެވެ.

މީގެ އިތުރުން، ޝުމްބާ ލަންކާ އިން ހައްޔަރުކޮށްގެން ގެނައީ ލަންކާގެ ގާނޫނުތަކާ ހިލާފަށް ކަމަށް ލަންކާ ސަރުކާރާ ހަވާލާދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.