އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު 18 އަހަރު ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މި މަހުގެ 9 ވަނަ ދުވަހު މާލެ ސިޓީ އިން ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

މި މަހުގެ ތެރޭގައި ވަނީ މާލެ ސަރަހައްދުން، 18 އަހަރު ނުވާ ފިރިހެން ކުއްޖަކަށް 18 އަހަރު ނުވާ އަންހެން ކުއްޖަކު ބަލިވެ އިން މައްސަލައެއް ފެންމަތިވެފައިވެފައެވެ. މީގެ އިތުރުން، 16 އަހަރުގެ އަންހެން ކުއްޖަކަށް ޓެކްސީި ޑްރައިވަރަކު ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

ފުލުހުން ދަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންނެވެ. ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކުގައި ކުއްޖާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ.