މިހާރަށް ވުރެ ފުޅާ، އަދި ހުރިހާ ފަރާތެއްގެ ޝާމިލުވުމާއި ބައިވެރިވުން އެކުލެވޭ ސަރުކާރެއް އަފްގާނިސްތާނަށް ބޭނުން ވާ ކަމަށް، އޮސްޓްރޭލިއާއާއި އިންޑިއާއިން ގޮވާލައިފިއެވެ.

އިންޑިއާއާއި އޮސްޓްރޭލިއާގެ ދިފާއީ އަދި ހާރިޖީ ވަޒީރުން ގުޅިވަޑައިގެން ކުރިއަށް ގެންދެވި "2+2"ގެ ފުރަތަމަ ބުރުގެ މަޝްވަރާތައް ނިންމަވާލެއްވުމަށްފަހު އާންމު ކުރި ބަޔާނުގައި، ދެ ގައުމުންވެސް ވަނީ، މިކަމަކީ، އަފްގާނިސްތާނުގެ ހަމަޖެހުމާއި ދިގުމުއްދަތުގެ ސުލްހައަށްޓަކާ ކޮންމެހެންވެސް ބޭނުންވާ ކަމެއް ކަން ފާހަގަ ކޮށްފައެވެ.

އިންޑިއާގެ ދިފާއީ ވަޒީރު ރާޖުނަތު ސިންހްއާއި، ހާރިޖީ ވަޒީރު ޑރ އެސް ޖައިޝަންކަރު، އަދި އޮސްޓްރޭލިއާޣެ ދިފާއީ ވަޒީރު ޕީޓާ ޑުޓޯންއާއި ހާރިޖީ ވަޒީރު މޮރީޒް ޕޭން، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށް ގެންދެވި "2+2" މަޝްވަރާތަކުގައި، އިންޑޯ ޕެސިފިކް ސަރަހައްދުގެ ކަންކަމުގެ އިތުރުން، އަފްގާނިސްތާނާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

2 ގައުމުގެ ވަޒީރުން އާންމު ކުރެއްވި ގުޅިފައި ވާ ބަޔާނުގައި، އަފްގާނިސްތާނުގެ މަސްރަހާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައި ވެއެވެ. އަދި އަފްގާނިސްތާނުން ފައިބަން ބޭނުންވާ އެގައުމުގެ ރައްޔިތުންނާއި، އަފްގާނިސްތާނުގައި ތިބި ބިދޭސީންނަށް، ރައްކާތެރި ކަމާއެކު އެ ގައުމުން ފައިބައިގެން ދެވޭނެ މަގު ކަށަވަރު ކޮށްދިނުމަށްވެސް އިންޑިއާއާއި އޮސްޓްރޭލިއާއިން ވަނީ ގޮވާލާފައެވެ.

އޯގަސްޓް 15 ވަނަ ދުވަހު އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ތޯލިބާންގެ ހަނގުރާމަވެރިން، އެ ގައުމުގައި އިންތިގާލީ ސަރުކާރެއް އިއުލާން ކޮށްފައި ވާއިރު، އދގެ ސަލާމަތީ މަޖިލީހުގެ ގަރާރު ނަމްބަރު 2593 އާ އެއްގޮތް ވާ ގޮތުގެ މަތީން، ޓެރަރިޒަމާ ދެކޮޅު އުސޫލުތަކާއި އިންސާނީ ހައްގުތަކަށް އިހުތިރާމްކޮށް، އެކަންކަން ތަންފީޒު ކުރުމަށްވެސް، އިންތިގާލީ ސަރުކާރުގެ 'ލީޑާޝިޕަށް" އިންޑިއާއާއި އޮސްޓްރޭލިއާގެ ވަޒީރުން ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން އަފްގާނިސްތާނުގެ މަސްރަހާއި، ސަރަހައްދީ އަދި މުޅި ދުނިޔޭގެ ނިސްބަތުން ކުރިމަތިވެދާނެ ނިރުބަވެރި ކަމަކަށް އެލާޓްގައި އޮތުމަށްވެސް "2+2" ގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.