ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައި ވާ ހޮލިވުޑް ބަތޮލް ޓޮމް ކުރޫޒްގެ ކުޅަދާނަ އެކްޓިންގް ފެނިގެންދާ ފިލްމު، "މިޝަން އިމްޕޮސިބަލް 7"ގެ ޝޫޓިންގް ނިންމާލައިފިއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި، ފިލްމުގެ ޝޫޓިންގްގެ މަސައްކަތްތަކަށް އަހަރަކަށްވުރެ ދިގުލާ ދިޔައެވެ.

ބޮޑެތި ގޮންޖެހުންތަކަކާ "ޑިލޭ" ތަކަކާއެކުވެސް ފިލްމުގެ ޝޫޓިންގް ނިންމާލިކަން ހާމަ ކުރަމުން، ޑައިރެކްޓާ ކްރިސްޓަފާ މެކުއާރީ ވަނީ، ފިލްމުގެ ކާސްޓާއި ކުރޫއަށް، އޭނާގެ އިހުލާސްތެރި ޝުކުރު އަދާ ކޮށްފައެވެ.

ފިލްމު ލީޑު އެކްޓަރު އަދި ކޯ ޕްރޮޑިއުސަރު، ޓޮމް ކުރޫޒްއާއެކު ނަގާފައި ވާ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލަން ޑައިރެކްޓަރު ބުނީ، ބޭނުންވަނީ ރަނގަޅު މީހުން ކަމަށެވެ. ކަމެއް ނުކުރެވޭނެ ހުރިހާ ހާލަތެއް ނުވަތަ "އިމްޕޮސިބަލް" ހާލަތެއް މެދުވެރިވުމުންވެސް ފިލްމުގެ ޝޫޓިންގް ނިންމާލެވުނީ، އޭނާގެ ވަރުގަދަ ޓީމުގެ ސަބަބުން ކަން ދޭހަވާ ފަދަ މޭރުމަކުން މެކުއަރީ ވަނީ ވާހަކަ ދައްކާފައެވެ.

އިޓަލީ، ނޯވޭ އަދި އިންގްލަންޑްގައި މަންޒަރުތައް ނެގި "މިޝަން އިމްޕޮސިބަލް 7" އަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް-19ގެ ބަލިމަޑުކަމެވެ. ބައެއް ގައުމުތަކުގެ ކޮވިޑް ޕްރޮޓޮކޯލްތައް ހަމަޖެހިފައި އޮތް ގޮތުން، ލޮކޭޝަން ބަދަލު ކުރަނ ޖެހުން ފަދަ ތަކުލީފު ބޮޑެތި ބަދަލުތަކެއްވެސް ފިލްމުގެ ކުރޫއިން ވަނީ ތަހައްމަލު ކޮށްފައެވެ.

ފިލްމުގެ ޝޫޓިންގްގެ މަސައްކަތް ނިމުނު ކަމުގައި ވީ ނަމަވެސް، އޭނަގެ ރޯލު، "އީތަން ހަންޓް"ގެ ގޮތުގައި ޓޮމް ކުރޫޒް އެނބުރި އަންނަ "މިޝަން އިމްޕޮސިބަލް 7" ސްކްރީނުން ބަލާލުމަށް އަދި ދިގު އިންތިޒާރެއް ކުރަން ޖެހެއެވެ. ފިލްމު ރިލީޒް ކުރާ ތާރީހު އަނެއްކާވެސް ފަސްކޮށްފައި ވާއިރު، މިހާރު މި ފިލްމު އަޅުވަން ތާވަލު ކޮށްފައި ވަނީ، ސެޕްޓެމްބަރު 30، 2022 އަށެވެ.