ވޯލްޓް ޑިޒްނީގެ ސަބްސިޑަރީއެއްގެ ގޮތުގައި އޮޕަރޭޓް ކުރަމުން އަންނަ އެމެރިކާގެ ފިލްމު އަދި ޓެލެވިޝަން ކުންފުނި، މާވެލް ސްޓޫޑިއޯޒްއިން، 2024 އަހަރު، 4 ފިލްމެއް ރިލީޒް ކުރާނެ ކަން ހާމަކޮށްފިއެވެ.

މި ފިލްމުތައް ރިލީޒް ކުރާނެ ކަމަށް ބެލެވެނީ ފެބުރުއަރީ 16، މެއި 3، ޖުލައި 26 އަދި ނޮވެމްބަރު 8ގައެވެ.

ހޮލީވުޑް ފިލްމީ ކަލަންޑަރުގައި މާވެލް ސްޓޫޑިއޯޒްއިން 4 ފިލްމެއްގެ ޖާގަ ކަށަވަރު ކުރި ނަމަވެސް، އެއީ ކޮން ނަންތަކެއް ކިއާ ފިލްމުތަކެއްކަން ތަފްސީލު ކޮށްދީފައެއް ނުވެއެވެ. އަދި އެއީ ސީކުއަލްތަކެއް ކަމެއް، ނުވަތަ އާ ސުޕާހީރޯއިންތަކެއްގެ ފުރަތަމަ ފެނިލުން ނޫން ކަމެއްވެސް އަދި ނޭނގެއެވެ.

މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ)އިން މިހާތަނަށް ހާމަކޮށްފައި ވާ މަޝްރޫއުތަކަށް ބަލާއިރު، "ސްޕައިޑާ-މޭން: ނޯވޭ ހޯމް"، "ޑޮކްޓާ ސްޓްރޭންޖް އިން ދަ މަލްޓިވާސް އޮފް މޭޑްނަސް"، "ބްލެކް ޕެންތާ 2" އަދި ކްރިސް ހެމްސްވޯތުގެ " ތޯ: ލަވް އެންޑް ތަންޑާ" ހިމެނެއެވެ.

މާވޭލް ސްޓޫޑިއޯޒްގެ ފިލްމުތަކަކީ ހޮލީވުޑް އުދަރެހުގެ ވިދުން ފަނޑުކޮށް ހަލާކުކުރަމުންދާ އަސްލުކަމަށް، މަޝްހޫރޫ ޓީވީ ސީރީޒް ފްރެންޑްސްއިން ގިނަ ބައެއްގެ ހިތްތައް ފަތަހަކުރި ބަތޮލާ ޖެނިފާ އެނިސްޓަން ވަނީ ތުހުމަތު ކޮށްފައެވެ. އެގޮތުން، މިފަހަކަށް އައިސް ހޮލީވުޑްގެ ފިލްމުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށާ، މާވެލް ސްޓޫޑިއޯޒްގެ ފިލްމުތައް ފަދަ 'ގްރީން ސްކްރީން' ފިލްމުތަކާއެކު ހޮލީވުޑްގެ ހަގީގީ އުފެއްދުންތެރިކަން އިންތިހާއަށް ދަށަށް ގޮސްފައިވާކަން އެނިސްޓަން ވަނީ ފާހަގަ ކޮށްފައެވެ.

އެނިސްޓަން މިފަދަ މޭރުމަކުން ވާހަކަ ދައްކާފައި ވާއިރު، ގިނަ ބައެއްގެ ލޯބި ލިބިފައިވާ ކުޅަދާނަ ފިލްމް ޕްރޮޑިއުސާ މާޓިން ސްކޯސީޒީވެސް މާވެލްގެ ފިލްމުތަކަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފައެވެ. އެއީ ސިނަމާތަކަށް ހައްގު މަސައްކަތްތަކެއް ނޫންކަމަށާ، އެ ފިލްމުތައް ހައްގުވަނީ ތީމް ޕާކަކަށް ކަމަށް ބުނެ ސްކޯސީޒީ ވަނީ މާވެލް ސްޓޫޑިއޯޒްގެ އުފެއްދުންތަކަށް ފާޑުކިޔާފައެވެ.