އަވަށްޓެރި ސްރީލަންކާގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިއަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކާއި ހީނަރު ކަމުގެ މި ދަނޑިވަޅުގައި، އެ ގައުމުގެ މަރުކަޒީ ބެންކުގެ ގަވަރުނަރު، ވެލިގަމަގެ ޑޮން ލަކްޝްމަން، އެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.
ސްރީލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު، އެ މަގާމުން އިސްތިއުފާ ދެއްވާނީ ސެޕްޓެމްބަރު 14 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.
މި ދަނޑިވަޅަކީ، ސްރީލަންކާގެ ދައުލަތުގެ ރިޒާވްއާއި އާމްދަނީ ދަށްވެ، ދަރަނި ބޮޑުވުމުގެއިތުރުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރާ ލޮކްޑައުން އަމުރުގެ މުހުލަތު ދަންމާލާފައި އޮތް ދަނޑިވަޅެކެވެ.
ނަމަވެސް، މި ދުވަސްވަރަކީ މާ ކުރީންވެސް މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ދުވަސްވަރު ކަމަށް ގަވަރުނަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިކަމުގައި ސިޔާސީ އަދި އިގުތިސޯދީ ކަމެއް އޮތުން އެކަށީގެންވާ ކަމަށްވެސް އޭނާ ވަނީ އިޝާރާތް ކުރައްވާފައެވެ. އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.
މިދިޔަ ޖުލައި މަހަށް ފަހު، ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވް ވަނީ 2.8 ބިލިއަން ޑޮލަރަށް ދަށްވެފައެވެ. އެއީ، ބޭރު ފައިސާގެ ރިޒާވްއިން 1 ބިލިއަން ޑޮލަރު ނަގައިގެން، ދަރަނި ހަލާސް ކުރުމާ ގުޅިގެންނެވެ. ސްރީލަންކާއަކީ ޗައިނާގެ ދަރަނި ދަންތުރާގައި އެންމެ ބާރަށް ފިތެމުން އަންނަ އެއް ގައުމަށް ވާއިރު، ކޮވިޑްގެ ބަލިމަޑުކަމުގައި މި ތަކުލީފު ދަނީ އިތުރަށް ބޮޑުވަމުންނެވެ.
ސްރީލަންކާގެ އިގުތިސޯދީ ހާލަތު ގޯސްވެ، އެ ގައުމުގައި މިހާރު ވަނީ އިގުތިސޯދީ ކުއްލި ނުރައްކާގެ ހާލަތުވެސް އިއުލާން ކޮށްފައެވެ. 1 ސްރީލަންކަން ރުޕީޒްއަށް މިހާރު ޖެހެނީ 0.0050 ޑޮލަރެވެ.