ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފޮރިން މިނސްޓަރުގެ މަގާމަށް އައްޔަން ކުރި އަބްދުﷲ ޝާހިދު މިދިޔަ ޖޫން މަހުގެ 7 ވަނަ ދުވަހު ވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގެންފައެވެ. އަދި އޭނާ ވަނީ ނިއުޔޯކްގައި ހުންނަ އދ.ގެ މައި އިދާރާގައި ރޭ ބޭއްވި އެ އިދާރާގެ 76 ވަނަ ސެޝަންގައި އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމުގެ ހުވާ ކުރައްވާފައެވެ. ޝާހިދު ހުވާ ކުރެއްވުމުން ރައީސް ސޯލިހް ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރާއްޖެ ތަމްސީލް ކުރާ ފާރާތަކަށް އދ ގެ އާންމު މަޖިލީހުގެ ރައީސް ކަމާ ހިސާބަށް ދެވުނު ފުރަތަމަ ފަހަރެވެ. މިއީ ރާއްޖެއަށް ފަހުރުވެރިވާ ވަރުގެ ކަމެކެވެ. ނަމަވެސް ވަޒީރެއްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މި މަގާމަށް ހޮވިވަޑައިގަތުމުން އެތައް ބަޔަކު އަންނަނީ އެކަކަށް 2 ވަޒީފާ އަދާކުރެވެިދާނެތޯ އަހާ ސުވާލު އުފައްދަމުންނެވެ.

އެއްބަޔަކު ބުނާ ގޮތުގައި ވަޒީރަކަށް ދެ މަގާމެއް އަދާ ކުރުމަކީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ފޮރިން މިނިސްޓަރު އެފަދަ މަގާމެއް އަދާ ކުރައްވަން ވަޑއިގަންނަވަން ޖެހުމުން މަސްއޫލިއްޔަތުތައް ބޮޑުވެ ދެ މަސައްކަތަށް ދޭން ޖެހޭ އަހައްމިއްޔަތުކަން ކުޑަވެގެން ދާނެއެވެ.

ފޮރިންމިނިސްޓަރު ޝާހިދު (ކ)، ރައީސް ސޯލިހާ އެކު ----

ގާނޫނު އަސާސީގައި ބުނަނީ އެހެން ވަޒީފާއެއް އަދާކޮށްގެން ނުވާނޭ!

ގާނޫނުއަސާސީގެ 136 ވަނަ މާއްދާގެ (ހ) ގައި ވަޒީރުން ކަން ކުރަން ޖެހޭ ގޮތް ސާފުކޮށް ބަޔާންކޮށްފައި ވެއެވެ. އޭގައި ބުނެފައި ވަނީ ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ސަރުކާރުގެ އެހެން މަގާމެއް އަދާކޮށްގެން ނުވާނެ ކަމަށެވެ. ހަމައެއާއެކު ފައިދާއެއް ލިބޭ ފަދަ އެނޫން ވެސް މަގާމެއް ފުރައިގެން ނުވާނެ ކަމަށް ވެސް ބުނެއެވެ.

މީގެ އިތުރުން ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރި ނުވުމަށްވެސް ގާނޫން އަސާސީގައި ބުނެފައި އޮވެއެވެ. އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލު ނުވުމަށާއި އާމްދަނީއެއް ލިބޭ ފަދަ އެހެން އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށް ވެސް ބުނެއެވެ. މީގެ އިތުރުން އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ކަނޑައެޅިގެން ބުނެފައި ވެއެވެ.

ކަން މިހެން އޮތް އިރު ޝާހިދަށް ދެ ވަޒީފާ އަދާ ކުރެއްވޭނެތޯ މީހުން ސުވާލު އުފައްދައެވެ. މި ކަމާ ގުޅިގެން ރައީސް އޮފީހުން ރަސްމީ އެއްޗެއް ނުބުނި ނަމަވެސް ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ޝާހިދަށް އެ ވަޒީފާ އިން މުސާރައެއް ނުލިބޭނެ ކަމަށާއި އެހެންވުމުން އެއީ ވަޒީފާއެއްގެ ގޮތުގައި ނުބަލާނެ ކަމަށެވެ. އެއީ މަންފާއެއް ހާސިލް ނުވާ ކަމެއް ކަމަށާއި އެހެން ވުމުން ގާނޫނު އަސާސީގައި ބުނާ ގޮތުން ޝާހިދަށް އދގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވިދާނެ ކަމަށް އޮފިޝަލް ވިދާޅުވެއެވެ.

އދގެ އާންމު މަޖިލީހުގެ ރައީސް ކަމާއި އަބްދުﷲ ޝާހިދު ހަވާލުވެވަޑައިގަތުން ----

ގަވާއިދުގައި ބުނަނީ އދ ގެ އާންމު މަޖިލީހުގެ ރައީސަކީ އދ ގެ މުވައްޒަފެއް ނޫނޭ!

އދ.ގެ އާންމު މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުގައި އެ މަގާމަށް ހޮވިވަޑައިގަންނަވާ ބޭފުޅަކީ އދގެ މުވައްޒަފެއް ނޫނެވެ. އެހެންކަމުން އެ ބޭފުޅެއްގެ މުސާރައާއި ހުރުމުގެ ހަރަދަކީ އދ އިން ކުރާނެ ކަންކަމެއް ނޫން ކަމަށް އެ ގަވާއިދުގައި ބުނެއެވެ. އަދި އެ މަގާމު އަދާ ކުރާ މީހެއްގެ މުސާރަ އާއި ހުރުމުގެ ހަރަދުތައް ހަމަޖައްސއް ޖެހޭނީ އެ ބޭފުޅަކު އައްޔަނު ކުރި ގައުމަކުންނެވެ.

އެހެން އެކަން އޮތުމުން ރާއްޖޭ ތަމްސީލް ކުރާ އަބްދުﷲ ޝާހިދު އެމަގާމަށް ހޮވިވަޑައިގަތުމުން އޭނާގެ މުސާރަ އާއި އެކޮމޮޑޭޝަން ހަމަޖައްސަން ޖެހޭނީ ރާއްޖޭގެ ސަރުކާރުންނެވެ.

  • 1988 ވަނަ އަހަރުން ފެށިގެން އެ އޮފީހުގެ އަހަރީ ބަޖެޓަކީ، 250،000 ހާސް އެމެރިކާ ޑޮލަރު. ނަމަވެސް އެންމެ ފަހުން ނިމިގެން ދިޔަ ދައުރުގައި އެ އޮފީހުގެ ބަޖެޓަކީ 322،000 އެމެރިކާ ޑޮލަރު. އެ ބަޖެޓަކީ ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ކަނޑަޅުއްވާ ތަރުތީބަކުން ހަރަދުކުރަން އޮންނަ ބަޖެޓެއް.

އދ އިން ޝާހިދަށް ދޭނެ ހިދުމަތަކީ ސެކިއުރިޓީއާއި ކާރާއި ޑްރައިވަރު ހަމަޖައްސައި ދިނުމެވެ. ހަމައެއާއެކު ޝާހިދު އައްޔަން ކުރާ 5 މުވައްޒަފުންގެ މުސާރަ އދ އިން ދޭ ގޮތަށް އެ ގަވާއިދުގައި ބުނެއެވެ. މީގެ އިތުރުން އާންމު މަޖިލީހުގެ ރައީސްގެ އޮފީހުގެ ހަރަދުތަކާއި އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރާ ދަތުރުތަކަށް ހަރަދު ކުރުމަށް އދ. އިން ބަޖެޓެއް ދެއެވެ. އާންމު މަޖިލީހުގެ ރައީސްގެ އޮފީސް، ހިންގާނީ އެ ބަޖެޓުން ކަމަށް ގަވާއިދުގައި ބުނެއެވެ. އެގޮތުން 1988 ވަނަ އަހަރުން ފެށިގެން އެ އޮފީހުގެ އަހަރީ ބަޖެޓަކީ، 250،000 ހާސް އެމެރިކާ ޑޮލަރެވެ. ނަމަވެސް އެންމެ ފަހުން ނިމިގެން ދިޔަ ދައުރުގައި އެ އޮފީހުގެ ބަޖެޓަކީ 322،000 އެމެރިކާ ޑޮލަރެވެ. އެ ބަޖެޓަކީ ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ކަނޑަޅުއްވާ ތަރުތީބަކުން ހަރަދުކުރަން އޮންނަ ބަޖެޓެކެވެ.

ރާއްޖޭގެ ވަޒީރެއްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ދެ މަގާމެއް އަދާ ކުރެއްވޭނެ ކަމާ މެދު ސުވާލު އުފައްދަވާ، ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައި ވަނީ ޝާހިދަށް ދެ މަގާމު އަދާ ކުރެއްވޭ ނަމަ މި ސަރުކާރު މި ހިންގަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެއީ ގާނޫނުގައިވާ ގޮތުން ވަޒީރެއްގެ މަގާމުގައި ހުންނަވައިގެން އެހެން މަގާމެއް އަދާ ނުކުރެއްވޭނެތީ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

  • ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައި ވަނީ ޝާހިދަށް ދެ މަގާމު އަދާ ކުރެއްވޭ ނަމަ މި ސަރުކާރު މި ހިންގަނީ ގާނޫނާ ހިލާފަށް ކަމަށް.

ޖަމީލް މިހެން ވިދާޅުވި އިރު ގާނޫނީ ބައެއް ވަކީލުން ވިދާޅުވަނީ ޝާހިދު އެ މަގާމު އަދާ ކުރެއްވުމަކީ ގާނޫނާ ހިލާުފުވާ ކަމެއް ނޫން ކަމަށެވެ. އދ.ގެ އާންމު މަޖިލީސް ފަދަ ޖަމިއްޔާއެއްގެ ރިޔާސަތަށް ޝާހިދު ހޮވިވަޑައިގަތުމަކީ ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށް އެ ފަރާތްތަކުން ވިދާޅުވެއެވެ. އަދި އެ މަގާމު ފުރުއްވަމުން ގެންދަވާ އިރު ފޮރިން މިނިސްޓަރުގެ މަގާމުގެ މަސްއޫލިއްޔަތަށް ބުރުލެއް ނާރާނަމަ އެކަމަކީ ވަޒީރެއްގެ މަގާމުގައި ހުންނަވައިގެން މައްސަލަ ޖެހޭ ވަރުގެ ކަމެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އެ ފަރާތްތަކުން ވިދާޅުވިއެވެ.

ޝާހިދަށް އދގެ ރައީސް ކަން ލިބިވަޑައިގަތުމުން އޭނާ ވަޒީރު ކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ބުނެ ބައެއް މީހުންގެ ފާޑުކިޔުން ޝާހިދަށް އަމާޒުވިއެވެ. ހާއްސަކޮށް އިދިކޮޅު ފަރާތްތަކުން މިކަމަށް ގޮވާލާފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.

އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އދގެ ޕީއާރު ޓީމުގައި ހިމެނޭ އަންހެން މެންބަރުންނާއެކު ----

މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޝާހިދު ވިދާޅުވެފައި ވަނީ އޭނާ ވަޒީރުކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައި ނުގަންނަވާ ކަމަށެވެ. އިތުރަށް އެ ވާހަކަތައް ތަފްސީލް ކޮށްދެއްވަމުން ޝާހިދު ވިދާޅުވީ، އެހެން ގައުމުތަކުގެ ވަޒީރުންގެ މަގާމުގައި ތިއްބަވާ ބޭފުޅުން އދގެ މަޖިލީސްތަކުގެ ރިޔާސަތުގައި ތިއްބަވާ ކަމަށާއި އެއީ އާ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ގާނޫނުން ވެސް އެކަމަށް އެއްވެސް ހުރަހެއް ނެތުމުން ފޮރިން މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑަިއގަންނަވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ހިޔާލު ތަފާތުވުންތަކެއް އޮތް ނަމަވެސް ސަރުކާރުގެ ރަސްމީ އިދާރާއަކުން މި ކަމާ ގުޅިގެން އަދި ޖަވާބެއް ދީފައެއް ނުވެއެވެ.

ޝާހިދު އދ ގައި ބުރަކޮށް އުޅުއްވާ އިރު، ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ގޮނޑި ހުރީ ކަމެއް ނެތި، ހުދުފޮތި އަޅާފައެވެ. މާބޮޑަށްވެސް ހަރަކާތްތެރިކޮށް ފެނުނު ފޮރިން މިނިސްޓްރީގެ މަސައްކަތްތައް މަޑުޖެހި ހާރިޖީ މައްސަލަތަކުގައި ދެން ކަންކަން ދާނެ މިސްރާބަކާ މެދު މިޙާރު ދަނީ ސުވާލު އުފެދެމުންނެވެ.