ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓުތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެ އާންމުން ހޭލުންތެރިކުރަން ފުލުހުން ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ އެހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ހުޅުމާލޭގެ އަވައްޓެރި ފުލުހުންނާއި ކްރައިމް ޕްރިވެންޝަން ޔުނިޓް ގުޅިގެން ކަމަށެވެ.
އެގޮތުން އެ ހަރަކާތަކީ ހުޅުމާލޭ ހިޔާ ފުލެޓްތަކުގައި މިހާރު ދިރިއުޅޭ ރައްޔިތުންނާ، ދިރިއުޅުމަށް ތައްޔާރުވަމުންދާ ރައްޔިތުންން ހޭލުންތެރި ކުރުމަށް ހިންގި ހަރަކާތެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އެހަރަކާތް ހިންގާފައި ވަނީ ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓުތަކުން ވައްކަން ކުރާ މައްސަލަތަކެއް ފެންމަތިވެފައި ވާ ދަނޑިވަޅެއްގައެވެ.
ހިޔާ ފްލެޓްތަކުން ވައްކަން ކުރާ މައްސަލަތައް ފެންމަތިވަމުން އަންނަ އިރު އެތަނުގައި ވެސް އަދި ފްލެޓް ސަރަހައްދުގައިވެސް ކެމެރާއެއް ނުހުރެއެވެ. ފްލެޓް ތަކަށް ތަކެތި އުފުލުމާއި އަދި ފްލެޓްތަކުގެ އިންޓީރިއާ ހެދުމުގެ މަަސައްކަތުގައި ދިވެހިން އުޅުނު ނަމަވެސް ގިނައިން ހަރަކާތްތެރިވަނީ ބިދޭސީންނެވެ.
ފްލެޓްގެ އިންޓީރިއާ މަސައްކަތް ހިނގާ އިރު އެޗްޑީސީން ކަނޑައަޅާފައި ތިބޭ މުވައްޒަފުން ގިނަ ވަގުތު ފްލެޓްތަކުގެ ސަހަރައްދުގައި އުޅުނު ނަމަވެސް އެތަންތަނަށް ގެންދާ އެއްޗެއްސާއި ތަކެއްޗާއި މީހުންގެ ހަރަކާތްތައް ރެކޯޑްކޮށް ބެލޭނެ އިންތިޒާމެއް ނެތެވެ. އަދި އެ ޓަވަރުތަކުގައި ސެކުރިޓީ ކަންކަން އިންތިޒާމް ކޮށްފައެއްވެސް ނެތެވެ.