އުމުރުން އެންމެ 6 މަހާއި 17 އަހަރާ ދެމެދު ކުދިން ބައިވެރި ކޮށްގެން ދުނިޔޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ ކޮވިޑް ވެކްސިން 3 ވަނަ މަރުހަލާގެ ތަހުލީލުތައް، ދެކުނު އެފްރިކާގައި އިފްތިތާހް ކޮށްފިއެވެ.

މި ތަހުލީލުތަކުގައި ބޭނުން ކުރާނީ ޗައިނާގެ ބައޮފާމަސޫޓިކަލް ކުންފުނި، ސީނޯވެކްއިން ތަރައްގީ ކޮށްފައި ވާ ކޮރޯނާވެކް ކޮވިޑް ވެކްސިނެވެ. މި ތަހުލީލުތަކުގައި ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ތަހުލީލުތަކުގެ ބައެއް ކަމަށް، ސީނޯވެކްއާއި، ސީނޯވެކްއާއެކު މި ތަހުލީލުތަކުގައި ބައިވެރިވާ ދެކުނު އެފްރިކާގެ ނޫމޯލަކްސް ގްރޫޕުން ވަނީ ބުނެފައެވެ.

3 ވަނަ މަރުހަލާގެ ތަހުލީލުތަކުގައި، ވެކްސިންގެ ކަމިޔާބު ކަމާއި ދިފާއީ ނިޒާމުން އިޖާބަ ދޭ ގޮތުގެ ތަފްސީލީ މިންވަރު ދެނެގަތުމުގެ އިތުރުން، ވެކްސިންގެ ރައްކާތެރިކަންވެސް ވަޒަން ކުރާނެ ކަމަށް ސީނޯވެކްއާއި ނޫމޯލަކްސް ގްރޫޕުން ބުނެއެވެ.

ދެކުނު އެފްރިކާގައި ކުރިއަށް ގެންދާ ތަހުލީލިތަކުގައި 2000 އެއްހާ ކުދިން ބައިވެރި ކުރާއިރު، ޗިލީ، ފިލިޕީންސް މެލޭޝިއާ އަދި ކެންޔާ ހިމެނޭހެން ދުނިޔޭގެ އެކި ކަންކޮޅުތަކުން 14000 ކުދިން، މި ތަހުލީލުތަކުގައި ބައިވެރި ކުރާނެ ކަމަށް މައުލުމާތު ލިބެއެވެ.

ދެކުނު އެފްރިކާގެ ޑްރަގްސް ރެގިއުލޭޓަރުން ވަނީ ވެކްސިންގެ 3 ވަނަ މަރުހަލާގެ ތަހުލީލުތަކަށް ރުހުން ދީފައެވެ. ވަކި ހާއްސަ ޝަރުތުތަކަކާއެކު ސީނޯވެކްގެ ކޮރޮނާވެކްއަށް ދެކުނު އެފްރިކާގެ ޑްރަގްސް ރެގިއުލޭޓަރުން ރުހުން ދިނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަޖުރިބާ ކުރަމުން އަންނަ ވެކްސިންތަކަށް ބަލާއިރު، 3 ވަނަ މަރުހަލާގެ ތަހުލީލިތައް ފަށާފައި ވާ ވެކްސިންތަކުގެ އަދަދު، ސެޕްޓެމްބަރު 7 ވަނަ ދުވަހުގެ ނިޔަލަށް އުޅުނީ 33 ގައެވެ. އެއަށްފަހު ދެން އޮންނަ މަރުހަލާއަކީ ވަކި ހާއްސަ އުސޫލަކުން ވެކްސިން ބޭނުން ކުރުމަށް ދެވޭ "ލިމިޓަޑް" ހުއްދައިގެ މަރުހަލާއެވެ. މި މަރުހަލާގައި 13 ވެކްސިނެއް އޮތް އިރު، ފުރިހަމަ ބޭނުމަށް ހުއްދަ ދީފައި ވާ ވެކްސިންތަކުގެ އަދަދު 8 އަށް އަރައެވެ. އަދި ތަހުލީލީ މަރުހަލާތަކަށް ފަހު، 5 ވެކްސިނެއް ބާތިލު ކޮށްފައި ވާ ކަންވެސް ފާހަގަ ކުރަންޖެހެއެވެ.