އަންހެނުންނަށް ވަޒީރު ކަމެއް ނުކުރެވޭނެ ކަމަށާ، އަންހެނުންނަކީ ހަމައެކަނި ވިހަން ތިބޭ ބައެއް ކަމަށް، އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާ، އިންތިގާލީ ސަރުކާރެއް އިއުލާން ކޮށްފައި ވާ ތޯލިބާން ޖަމާއަތުން ބުނެފިއެވެ.

ޓޯލޯ ނިއުސްއާ ވާހަކަ ދައްކަމުން، ހަރުކަށިފިކުރުގައި ހައްދު ފަހަނައަޅާފައިވާ ތޯލިބާން ޖަމާއަތުގެ ތަރުޖަމާނެއް ކަމަށް ވާ ސައްޔިދު ޒިކްރުއްލޯ ހާޝިމީ ވަނީ، މުޒާހަރާ ކުރަން ނިކުންނަ އަންހެނުންނަކީ، އަފްގާނިސްތާނުގެ އަންހެނުންގެ މުޅި އާބާދީ ތަމްސީލު ކޮށްދެވޭނެ ބައެއް ނޫން ކަމަށް ބުނެފައެވެ.

މި މޭރުމުން ވާހަކަ ކުރިއަށް ގެންދަމުން ހާޝިމީ ވަނީ، ވަޒީރުންގެ މަޖިލީހުގައި އިންނަ އަންހެނަކީ، ނޭޅޭ ފަށެއްގެ މިސާލުން ސިފަ ކޮށްފައެވެ.

ތޯލިބާނުން މިފަދަ ރޫހެއްގައި ވާހަކަދައްކާފައި މިވަނީ، ހަރުކަށި ފިކުރުގެ މީހުންނާއި، އެފްބީއައިއިން އެންމެ ހޯދަން ބޭނުންވާ ޓެރަރިސްޓުން ހިމެނޭ ހެން، ހަމައެކަނި ފިރިހެނުން ހިމަނައިގެން ތޯލިބާނުން އިއުލާން ކުރި އިންތިގާލީ ސަރުކާރާ ދެކޮޅަށް، އަފްގާނިސްތާނުގެ އަންހެނުން ކުރި މުޒާހަރާއާ ގުޅިގެންނެވެ.

އަންހެނުންގެ ހައްގުތަކަށް އިހުތިރާމް ކުރާނެ ކަމަށް ބުނެ ހުވަފެންތަކެއް ދައްކަމުން ދިޔަ ތޯލިބާނުންގެ އިންތިގާލީ ސަރުކާރުގައި އަންހެން މެންބަރަކު ހިމަނާފައި ނުވާއިރު، ބައިނަލްއަގުވާމީ ފެންވަރުގައިވެސް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. އަންހެނުންނާ މެދު މެދުމިނުގެ ފިކުރެއް ގެންގުޅޭނެ ކަމަށް ބުނެ ތޯޅިބާނުން ދަޅަދައްކަމުން ދަނީ، އެހީއާއި އިންވެސްޓްމަންޓް ހޯދުމުގެ އުކުޅެއްގެ ގޮތުގައި ކަމަށް، ހުޅަނގުގެ ގައުމުތަކުން ވަނީ ތުހުމަތުވެސް ކޮށްފައެވެ.

1996 އިން 2001 އަށް، އަފްގާނިސްތާނުގައި ތޯލިބާނުން ކުރި ވެރިކަމުގައި އަންހެނުންނާއި އަންހެން ކުދިންނަށް ބޮޑެތި ފިއްތުންތަކަކާ ހުރަސްތަކެއް ކުރިމަތިކުރިއެވެ. އެގޮތުން ފަށާ ތައުލީމަށް ވުރެ މައްޗަށް އިލްމު ހާސިލު ކުރަން ސްކޫލްތަކަށް ދިއުމާއި ވަޒީފާއަށް ދިއުމަށް ހުރަސް އަޅާ، އެކަން މަނާ ކުރިއެވެ.

އޯގަސްޓް 15، 2021 ވަނަ ދުވަހު އަނެއްކާވެސް އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ ތޯލިބާނުން ވަނީ، މި ފަހަރުގެ ވެރިކަމުގައި އަންހެނުންނަށް ލުއިތަކެއް ދޭނެ ކަމަށް ބުނެފައެވެ. އެގޮތުން މަތީ ތައުލީމަށް ފުރުސަތު ދީފައި ވެއެވެ. އެހެން ނަމަވެސް، ތައުލީމު ހާސިލު ކުރަން ދެވޭނީ ނިގާބުގައި ކަމަށް ވަނީ މަޖުބޫރުކޮށްފައެވެ. އަދި އަންހެން ދަރިވަރުންނަށް އުނގަންނައި ދިނުމަށް، އަންހެން މުދައްރިސުން ހަމަޖެއްސުމަށާ، ފިރިހެން މުއްދައްރިސަކު ހަމަޖައްސާނީ، އެނޫން ގޮތެއް ނެތިގެން ކަމުގައި ވެސް ތޯލިބާނުން ވަނީ ކަނޑައަޅާފައެވެ.