ބައިނަލައަގުވާމީ ތެލުގެ ބާޒާރުގައި އަގުތައް ތިރިކުރުމުގެ އަމާޒުގައި، ޗައިނާއިން ފުރަތަމަ ފަހަރަށް، އެ ގައުމަށް އިސްތިރާޖީ މުހިންމު ކަން އިންތިހާއަށް އޮތް ތެލުގެ ރިޒާވުން ތެޔޮ ވިއްކަން ފަށައިފިއެވެ.

މި ދަނޑިވަޅަކީ ތެލުގެ އިތުރުން ބޯޓު ދެއްޔާއި ގުދުރަތީ ގޭސް އަދި ކަރަންޓްގެ ސަޕްލައިގެ ދަތިކަން ކުރިމަތިވެ، އިންތިހާއަށް އަގުތައް އުފުލެމުންދާ ދަނޑިވަޅެކެވެ. މި ކަމުގެ ސަބަބުން ބައެއް ކާރުހާނާތަކުގެ އުފެއްދުންތެރިކަމަށްވެސް ހީނަރުކަން ވަނީ ފޯރާފައެވެ. އަދި ބާޒާރުތަކުގައި ތަކެތީގެ އަގު ހުންނަ ނިސްބަތް ނުވަތަ އިންފްލޭޝަން ރޭޓްވެސް އުފުލެމުން އަންނަ ކަން ފާހަގަ ކުރަން ޖެހެއެވެ.

ޗައިނާގެ ނޭޝަނަލް ފުޑް އެންޑް ސްޓްރެޓީޖިކް ރިޒާވްސް އެޑްމިނިސްޓްރޭޝަންއިން ބުނީ، އެ ގައުމުގެ އެންމެ ބޮޑެތި ތެލުގެ ރިޒާވްތަކުގެ ބޭނުން ހިފަން ފަށާފައި ވާ ކަމަށާ، އެކަން ކުރަން ފަށާފައި ވަނީ، މުދާ އުފައްދަން ބޭނުން ވާ ރޯ މެޓީރިއަލްގެ އަގުތަކަށް އޮތް ޕްރެޝަރު ކުޑަ ކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލުތަކެއް ދީފައެއް ނުވެއެވެ.

ޗައިނާގައި މުދާ ގުދަން ކުރުމާ ބެހޭ އިދާރާއިން ވަނީ، ދައުލަތުގެ ރިޒާވްގައި ހުރި ސާފު ނުކުރާ ތެލުގެ ޝިޕްމަންޓް ރޮޓޭޓް ކުރުމަކީ، ބާޒާރުގެ ހަރަކާތްތައް އެއް ހަމައަކުން ބެލަންސް ކުރުމަށް އޮތް މުހިންމު މަގެއް ކަން ފާހަގަ ކޮށްފައެވެ. އެ އިދާރާއިން ބުނީ، ޗައިނާގެ ގައުމީ ތެލުގެ ރިޒާވް، ބާޒާރުގައި ވިއްކަމުން ދާނީ ނީލަމުގެ އުސޫލުން ކަމަށެވެ. އަދި މިއީ ޗައިނާގެ ދާހިލީ ބާޒާރު ހަމައަކަށް އަޅުވަން އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ދުނިޔޭގެ ތެލުގެ ބާޒާރަށް ބަލާއިރު ތެލުގެ އިމްޕޯޓް ވިޔަފާރީގެ އެންމެ ބޮޑު ހިއްސާއެއް އޮންނަނީ ޗައިނާގައެވެ. ފާއިތުވީ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ޗައިނާއިން ވަނީ ތެލުގެ ބޮޑު ރިޒާވެއް ގާއިމު ކޮށްފައެވެ. ޗައިނާގެ އިސްތިރާޖީ ރިޒާވުން ތެޔޮ ވިއްކަން ފެށުމާއެކު، ދުނިޔޭގެ ބާޒާރުގައި، ސާފު ނުކުރާ ތެޔޮ ފީފާއަކުން ގާތްގަނޑަކަށް 1.36 ޑޮލަރު ވަނީ ހެޔޮވެފައެވެ.

ޗައިނާގެ އިސްތިރާޖީ ރިވާޒުން ވިއްކާ އިތުރު ބާވަތްތަކުގެ ތެރޭގައި ލޮއި، އެލުމިނިއަމް އަދި ގޮވާމުގެ ބާވަތްތައް ހިމެނެއެވެ.