މަސްރަހު އިންތިހާއަށް ނުތަވަނަސް ވަމުން ދިޔަ ގައުމު ދޫކުރައްވާ އެހާ ކުއްލި ގޮތަކަށް ފުރާވަޑައިގަންނެވުނީތީ، އަފްގާނިސްތާނުގެ ކުރީގެ ރައީސް އަޝްރަފު ޣަނީ، އަފްގާނިސްތާނުގެ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފިއެވެ.
ޓްވިޓާގައި އާންމު ކުރެއްވި ބަޔާނެއްގައި އަޝްރަފު ޣަނީ ވަނީ، އެހާ ކުއްލި ގޮތަކަށް ގައުމު ދޫކުރައްވާ ފުރާވަޑައިގަތީ، ބަޑީގެ އަޑު ކަނޑުވާލާފައި ބޭއްވެނެ ހަމަ އެކަނި ގޮތަކީ އެއީ ކަމަށް ވެފައި، ކާބުލްގެ 6 މިލިއަނެއްހާ ރަށްވެހިން ސަލާމަތް ކުރެވެން އޮތް ހަމައެކަނި ގޮތަކީވެސް އެއީ ކަމުގައި ވާތީ ކަމަށް ވިދާޅުވެފައެވެ.
ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާނުން، އަފްގާނިސްތާނުގެ ވެރިރަށް، ކާބުލް ކޮންޓްރޯލް ނެގުމާއެކުގައި ހެން، ފިއްލަވައިގެން ގައުމުން ފުރާވަޑައިގަތް ޣަނީ އިތުރަށް ވިދާޅުވީ، އެގޮތަށް އެކަން ކުރެއްވީ ރިޔާސީ ގަނޑުވަރުގެ ސަލާމަތީ އޮފިޝަލުންގެ ލަފާއާ އެއްގޮތް ވާ ގޮތުގެ މަތީން ކަމަށާ، އެ ނިންމެވުމަކީ، މުޅި ހަޔާތުގައިވެސް ނިންމެވި އެންމެ އުނދަގޫ ނިންމެވުން ކަމަށެވެ.
ހަޔާތުގެ 20 އަހަރު ދުވަސް ހޭދަ ކުރެއްވީ އަފްގާނިސްތާނުގެ ރައްޔިތުންނަށް އެހީވެވަޑައިގެން، ގައުމުގައި ޑިމޮކްރަސީ ބިނާ ކުރައްވާ، ކުރިއަރާފައިވާ، އިސްތިގުލާލީ ދައުލަތެއް އުފެއްދެވުމަށް ކަމަށާ، އަފްގާނިސްތާނުގެ ރައްޔިތުންނާއި އެތަސައްވުރު ދޫކޮށްލެއްވުމަކީ ދުވަހަކުވެސް ކުރައްވަން ގަސްތު ކުރެއްވި ކަމެއް ނޫން ކަމަށް އަޝްރަފު ޣަނީ ވަނީ ވިދާޅުވެފައެވެ.
ގައުމުން ފުރާވަޑައިގަތީ ގިނަ އަދަދެއްގެ ފައިސާ ހިއްޕަވައިގެން ކަމަށް ރަޝިއާއިން ތުހުމަތުތަކެއް ފެންމަތި ކޮށްފައި ވާއިރު، އަޝްރަފު ޣަނީ ވަނީ އެ ކަމަށް އިންކާރު ކުރައްވާފައެވެ. އަދި އެ ދައުވާތަކާ ގުޅިގެން އދއިން ހިންގާ ތަހުގީގެއް ނުވަތަ އޮޑިޓަކަށް މަރުހަބާ ވިދާޅުވާނެ ކަމަށްވެސް ޣަނީ އަޝްރަފު ޣަނީ ވަނީ ވިދާޅުވެފައެވެ.
އަޝްރަފު ޣަނީއާއި އޭނާގެ ވަޒީރުން، އަފްގާނިސްތާނުން ފުރާވަޑައިގަތީ އޯގަސްޓް 15 ވަނަ ދުވަހުއެވެ. އޭގެ ދުވަސްކޮޅެއް ފަހުން، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ވަނީ، ޣަނީއާއި އޭނާގެ އާއިލާއަށް ހިމާޔަތް ދޭން ނިންމާފައެވެ.