ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިން ފުރިހަމަ ކޮށްފައި ވާ ފަރާތްތަކަށް އިތުރު ރައްކަލެއްގެ ގޮތުން 3 ވަނަ ޑޯޒް އެއް ނުވަތަ ބޫސްޓާ ޑޯޒްއެއް ޖެހުމަށް، ކުރިއަރާފައި ވާ މުއްސަނދި ގައުމުތަކުން ނިންމާފައި ވާއިރު، 2022 ގެ ނިޔަލަށް އެކަން މަޑުޖައްސާލަ ދިނުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެދިއްޖެއެވެ.
ޑަބްލިއުއެޗްއޯއިން މީގެ ކުރިންވެސް ވަނީ ބޫސްޓާ ޑޯޒް މަޑުޖައްސާލަން އެދިފައެވެ. ނަމަވެސް، ކުރިއަރާފައިވާ ގިނަ ގައުމުތަކަކުން މިހާރު ދަނީ އެ ގައުމުތަކުގެ ރައްޔިތުންނަށް ބޫސްޓާ ޑޯޒް ހުށަހަޅަމުންނެވެ. ޔަހޫދީ އިޒްރޭލުން މިހާރު ވަނީ އާބާދީގައި ވެކްސިނަށް ޝަރުތު ހަމަވާ އެންމެނަށް ބޫސްޓާ ޑޯޒް ދިނުމުގެ މަސައްކަތް ފަށާފައެވެ. އަދި 4 ވަނަ ޑޯޒްއެއްގެ އިޝާރާތްވެސް ކޮށްފައެވެ.
ސުވިޓްޒަލަންޑްގެ ޖެނީވާގައި، ނޫސްވެރިންނާ ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، ވެކްސިންގެ ބޭނުން އެންމެ ބޮޑަށް ޖެހިފައި ވާ ގައުމުތަކަށް ވެކްސިން ނުލިބި ޝޯޓޭޖަކަށް ގޮސްފައި ވާ ދަނޑިވަޅެއްގައި، ބޫސްޓާ ޑޯޒް ފޯރުކޮށްދެވޭ ވަރަށް ސަޕްލައި އެބަހުރި ކަމަށް ފާމަސޫޓިކަލް ކުންފުނިތަކުން ބުނި ބުނުމާ މެދު ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.
މި ރޫހުގައި ވާހަކަދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، ފަގީރު ގައުމުތަކަކީ ބާކީ ވާ އެއްޗަކުން ފުއްދާލަން ޖެހޭ ބައެއް ކަމަށް، ވެކްސިންގެ ސަޕްލައި ކޮންޓްރޯލް ކުރާ ގައުމުތަކާ ކުންފުނިތަކުން ދެކެމުން ދާއިރު، ހިމޭނުން ނުހުންނަވާނެ ކަމަށެވެ. ފަގީރު އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަކީ ދެވަނަ ނުވަތަ ތިންވަނަ އިހުތިޔާރެއް ނޫން ކަމަށާ، އެ ގައުމުތަކުގެ ސިއްހީ ހިދުމަތްތެރިންނާއި، ދޮށީ އުމުރުގެ މީހުންނާއި ހައި ރިސްކު ގުރޫޕަކީ، ފުރާނަ ސަލާމަތް ކުރުމުގެ ފުރިހަމަ ހައްގު ލިބިފައި ވާ ބައެއް ކަމަށްވެސް ޑރ ޓެޑްރޯޒް ވަނީ ފާހަގަ ކުރައްވާފައެވެ.
ޑރ ޓެޑްރޯޒް މީގެ ކުރިން ވަނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބޫސްޓާ ޑޯޒްތައް މަޑުޖައްސާލުމަށް ގައުމުތަކަށް ގޮވާލައްވާފައެވެ. ބޫސްޓާ ޑޯޒް ހުށަހަޅަމުން ދާ މަންޒިލްތަކުގެ ތެރޭގައި އިޒްރޭލުގެ އިތުރުން ދެން ހިމެނެނީ އެމެރިކާ، ސްޕެއިން، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް، ޑެންމާކު އަދި އިނގިރޭސިވިލާތެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 5.5 ބިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ޖަހާފައި ވާއިރު، 80 ޕަސެންޓެއްހާ ވެކްސިން ޑޯޒް ހިއްސާ ކޮށްފައި ވަނީ މުއްސަނދި ގައުމުތަކުންނެވެ.