އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން އެގައުމުގައި އިއުލާން ކުރި ވަގުތީ ސަރުކާރުގައި، އެންމެ އަންހެން މެންބަރަކުވެސް ހިމަނާފައި ނުވާތީ، އެކަމާ ދެކޮޅަށް، އަފްގާނިސްތާނުގެ ބަދަކުޝާން ޕްރޮވިންސްގެ އަންހެނުން މުޒާހަރާ ކޮށްފިއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ، އަންހެން ވަޒީރުންނާ ނުލާ އެކުލަވާލި ސަރުކާރެއް ބަލައިނުގަންނާނެ ކަމަށް ގޮވާލާފައެވެ.

ތޯލިބާނުން ވަނީ މުޒާހަރާ ރޫޅާލާފައެވެ. މުޒާހަރާ ރޫޅާލުމުގެ ތެރޭގައި، އަންހެނުންނަށް އަނިޔާ ކޮށްފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ. މީގެ އިތުރުން މުޒާހަރާ ކަވަރު ކުރަން އުޅުނު ބައެއް ނޫސްވެރިން ހައްޔަރުކޮށް، އަނިޔާ ކޮށްފައި ވާ ކަމަށްވެސް އަފްގާނިސްތާނުގެ މީޑިއާއާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

އަމާޒު ކޮށްފައި ވާ ތުހުމަތުތަކަށް، ތޯލިބާނުން އަދި އިޖާބައެއް ދީފައެއް ނުވެއެވެ. ނަމަވެސް، އެ ފަދަ މުޒާހަރާތަކަކީ ޣައިރު ގާނޫނީ މުޒާހަރާތަކެއް ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ. އެފަދަ މުޒާހަރާއެއް ކުރިއަށް ގެންދިއުމަށްޓަކާ ހާއްސަ ހުއްދައެއް ބޭނުން ވާ ކަމަށާ، އަދި ބޭ އަދަބީ ބަސްތައްވެސް ބޭނުން ކޮށްގެން ނުވާނެ ކަމަށްވެސް ތޯލިބާނުން ވަނީ ބުނެފައެވެ.

މިދިޔަ އަންގާރަ ދުވަހު، ހީރާތު ސިޓީގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި 3 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ނަމަވެސް، އަފްގާނިސްތާނުގެ ކޮންޓްރޯލް ގައި އޮތް ހަރުކަށި ފިކުރުގެ ތޯލިބާނުންނާ ދެކޮޅަށް އެ ގައުމުގައި ކުރިއަށް ގެންދާ މުޒާހަރާތަކާ އިހުތިޖާޖުތަކަށް ފަނޑުކަމެއް އަންނާތީ ފާހަގައެއް ނުކުރެވެއެވެ.

ތޯލިބާނުންގެ ވަގުތީ ސަރުކާރު އިއުލާން ކުރީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. ތޯލިބާނުން އިއުލާން ކުރި ސަރުކާރުގައި ބޮޑުވަޒީރުގެ ގޮތުގައި އިސްކޮށް ހުންނާނީ، އެ ޖަމާއަތުގެ ބާނީންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށްވާ މުއްލާ މުޙައްމަދު ހަސަން އަހޫންދުއެވެ. ދާހިލި ވަޒީރު ކަމުގެ މަގާމުން ފެނިގެންދާނީ، އެފްބީއައިއިން އެންމެ ހޯދަން ބޭނުން ވެފައިވާ ހައްގާނީ ހަނގުރާމަވެރި ޖަމާއަތުގެ ލީޑަރެއް ކަމަށްވެސް ހަބަރު ލިބެއެވެ.

ދާހިލީ ވަޒީރު ކަމަށް އައްޔަން ކޮށްފައި ވާ ސަރާޖުއްދީން ހައްގާނީއަކީ، ފާއިތުވީ 20 ވަރަކަށް އަހަރު ދުވަހު އަފްގާނިސްތާނުގައި އެމެރިކާއިން ކުރި ހަނގުރާމައާ ދިމާކޮށް، ތޯލިބާނުންނާ ގުޅިގެން ނުރައްކާތެރި ހަމަލާތަކެއް ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ހައްގާނީ ނެޓްވޯކްގެ އިސްވެރިޔާއެވެ.

ތޯލިބާން ޖަމާއަތާ ހިލާފަށް، ހައްގާނީ ނެޓްވޯކަކީ، އެމެރިކާއިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައި ވާ ޖަމާއަތެކެވެ.

މި ފަހަރު ވެރިކަމަށް އައީ ބަދަލަކާއެކުގައި ކަމަށް ބުނަމުން ދާ ތޯލިބާނުންގެ ސަރުކާރުގައި އެއްވެސް އަންހެން މެންބަރަކު ނެތީ ކީއްވެތޯ ބައިނަލްއަގުވާމީ މީޑިއާއެއް ކަމަށް ވާ ބީބީސީއިން ކުރި ސުވާލަކަށް ޖަވާބު ދެމުން، ތޯލިބާން ކަލްޗަރަލް ކޮމިޝަންގެ އަހުމަދުއްލޯ ވާސިގު ވަނީ، މިހާރު އޮތް ކެބިނެޓަކީ އަދި "ފައިނަލް" ވެފައި ވާ ކެބިނެޓެއް ނޫން ކަމަށް ބުނެފައެވެ.