ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ހިދުމަތްތެރިއެއް ކަމަށްވާ މަރުހޫމް މާދިހު އިސްމާއިލްގެ ހަނދާނުގައި މާލޭގައި ބައިސްކަލު ބުރެއް ބާއްވަން ތައްޔާރު ވެއްޖެއެވެ.

މިކަން އިންތިޒާމް ކުރަނީ ބައިކް މޯލްޑިވްސްގެ ފަރާތުންނެވެ. ބައިކް މޯލްޑިވްސް އިން ބުނީ، މާދިހް ނިޔާވިތާ ތިން މަސް ވުމުން އޭނާގެ ހަނދާނުގައި ބައިސްކަލް ބުރެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ބައިސްކަލު ބުރު ބާއްވަން ނިންމާފައި ވަނީ މާދަމާ ރޭ ދަންވަރު ކަަމަށް އެ ފަރާތުން ބުނެއެވެ.

ދަންވަރު 12 އިން ފެށިގެން ފަތިހު 4 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ބައިސްކަލް ބުރުގައި ބައިވެރިވާން ބޭނުންވާ މީހުން ގްރޭޓާ މާލެ ބަސް ޓާމިނަލް ކައިރިއަށް މާދަމާ ރޭ 11:50 އަށް ދިއުމަށް ބައިކް މޯލްޑިވްސް އިން އެދިފައި ވެއެވެ. އަދި ބައިސްކަލް ދުއްވުމުގައި ބައިވެރިވާ މީހުންނަށް ހުކުރު ދުވަހުގެ ހެނދުނުގެ ނާސްތާ ވެސް ހަމަޖެހިފައިވާ ކަމަށް އެ ފަރާތުން ބުނެއެވެ. އެގޮތުން ހެނދުނުގެ ނާސްތާ އޮންނާނީ ހެނދުނު 7:00 ގައި ކާނިވަލްގައި ހުންނަ "ޓޭސްޓް މީ" ކެފޭއިން ކަމަށް ވެސް މި އިވެންޓް އިންތިޒާމް ކުރި ފަރާތުން ބުނެއެވެ.

https://www.facebook.com/bikemaldives2015/posts/365349758577910

މާދިހް ނިޔާވި އިރު އޭނާގެ އުމުރަކީ 52 އަަހަރެވެ. މާދިހަކީ ދިވެހި ކުޅިވަރުގައި ފާހަގަކޮށްލެވޭ ހިދުމަތްތެރިއެކެވެ. އެގޮތުން ކުޅިވަރު މުދައްރިސެއްގެ ގޮތުގައި ސުކޫލުތަކުގައި ހިދުމަތް ކޮށްފައި ވާއިރު އެފްއޭއެމްގެ ބައެއް މަގާމުތަކާއި ކުޅިވަރުގެ ބައެއް އެސޯސިއޭޝަންތަކުގެ އެކި މަގާމުތައް ވެސް މާދިހް ވަނީ ފުރާފައެވެ.