ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ 3 ވަނަ ރާޅު، އަވަށްޓެރި އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް ކަމުގައި ވާ މުމްބާއީއަށް މިހާރުވެސް އަރާ، ފެތުރެމުން ދާ ކަމުގެ އިންޒާރު، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ދީފިއެވެ.

ކޮވިޑް-19ގެ 3 ވަނަ ރާޅެއް، މި ސެޕްޓެމްބަރު މަހުގެ މެދަކާ ހިސާބުގައި އިންޑިއާއަށް ކުރިމަތިވާނެ ކަމަށް، ދާއިރާގެ ތަޖުރިބާކާރުން އިންޒާރު ކުރަމުން ދަނިކޮށް، މި މަހަށް ފެށި ފުރަތަމަ ހަފުތާ ފާއިތުވުމާ އެކުގައި ހެން އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ މި ވަނީ 3 ވަނަ ރާޅު އަރައިފި ކަމުގެ އިންޒާރު ދީފައެވެ. އަދި މިކަމާ ގުޅިގެން، ދީނީ އެއްވުންތައް ބޭއްވުމަށް ހުއްދަ ނުދިނުމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ނިންމާފައެވެ.

ނޫސްވެރިންނާ މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން މުމްބާއީގެ މޭޔާރު، ކިޝޯރް ޕެދްނެކާރު ވިދާޅުވީ 3 ވަނަ ރާޅެއް އަދި އަންނަން އޮތީ ނޫން ކަމަށާ، 3 ވަނަ ރާޅު މިހާރުވެސް އަރަން ފަށާފައި ވާ ކަމަށެވެ.

ކުރިއަށް އޮތީ ހިންދޫގެ ވަރުގަދަ ދީނީ ހަރަކާތްތަކަކަށް ވާއިރު، މިފަދަ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

މިއަހަރުގެ ކުރީކޮޅު އިންޑިއާއަށް އެރި ކޮވިޑްގެ ތޫފާނީ 2 ވަނަ ރާޅާއެކު، މި ބަލީގައި އެ ގައުމުން 2 ލައްކައަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިގެން ގޮސްފައެވެ. އެ ފަހަރުގެ ރާޅުވެސް އެރީ ހިންދޫންގެ ވަރުގަދަ ހަރަކާތަކާ ވިދިގެންނެވެ. މީގެ އިތުރުން އިންތިހާބީ ވޯޓުލުންތަކެއްވެސް އެ ދުވަސްވަރު ކުރިއަށް ގެންގޮސްފައި ވާއިރު، އިލްޒާމު އަމާޒު ކުރީ އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓަށެވެ.

މި ދަނޑިވަޅަކީ އިންޑިއާގެ ކެރަލާ ސްޓޭޓްގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން އަންނަ ދަނޑިވަޅެކެވެ. ކެރަލާގައި ކޭސް އިތުރު ވާން ފަށާފައި ވަނީވެސް ދީނީ ހަރަކާތަކާ ގުޅިގެންނެވެ.