އާ ސާސްކަފުގެ ފެށުމާ އެކުގައި ހެން މުޅި ދުނިޔެ ސިއްސުވާލި އެންމެ ވަރުގަދަ ޓެރަރިސްޓް ހަމަލާގެ ގޮތުގައި ސިފަކުރަމުން އަންނަ "ސެޕްޓެމްބަރު 11"ގެ ސީދާ ހަމަލާގައި މަރުވި މީހުންގެ އަދަދަށް ވުރެ، އެ ހާދިސާއާ ގުޅިގެން ކުރިމަތިވި އެކި ބަލުތަކުގައި މަރުވި މީހުންގެ އަދަދު ގިނަ ކަމަށް އާ ރިޕޯޓެއް ބުނެފިއެވެ.

2011 ވަނަ އަހަރު ތައާރަފު ކުރި ސެޕްޓެމްބަރު 11 ވިކްޓިމް ކޮމްޕެންސޭޝަން ފަންޑް (ވީސީއެފް) އަށް، މިހާތަނަށް 3900 ގިނަ ކޭސް ހުށަހަޅާފައި ވާ ކަމަށް ދައްކައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 50 ޕަސެންޓް ކޭހަކީ، ދާދި ފަހުން ކެންސަރަށް ޕޮޒިޓިވް ވެފައި ވާ ކޭސްތަކެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

11/9ގައި މަރުވި މީހުންގެ އާއިލާތަކަށް ބަދަލު ދިނުމަށް ހުޅުވާފައިވާ ފަންޑުން މިހާތަނަށް، 400000 ފަރުދަކަށް، 8.95 ބިލިއަން ޑޮލަރަށް ވުރެ ގިނަ އެހީ ދީފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާގެ ވޯލްޑް ޓްރޭންޑް ސެންޓަރު، ޕެންޓަގަން އަދި ޕެންސިލްވޭނިއާގެ ބިމަކަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި ގާތްގަނޑަކަށް 3000 އެއްހާ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. ހަމަލާތައް ދީފައި ވަނީ މަތިންދާ ބޯޓުތަކެއް ހައިޖެކް ކޮށްގެންނެވެ.

ހަމަލާގެ ޒިންމާ އުފުލާފައި ވަނީ ޓެރަރިސްޓް އަލް-ގައިދާ ޖަމާއަތާއި އުސާމާ ބިން ލާދިންއެވެ. އެމެރިކާއިން އަފްގާނިސްތާނަށް އަރާ، ވިއްސަކަށް އަހަރު ދުވަހުގެ ހަނގުރާމައެއް ކުރީވެސް، މިކަން އުޒުރަކަށް ހަދައިގެންނެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރި ވަމުން ދިޔަ އެމެރިކާގެ އަސްކަރީ ފައުޖުތަކުން 2011 ވަނަ އަހަރު ބިން ލާދިން މަރާލީ، ޕާކިސްތާނުގައި އޭނާ ފިލައިގެން ދިރިއުޅެމުން ދަނިކޮށެވެ.